ޕީސްޓީވީން ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ދާޢީ ޢަބުދުއް ރަޙީމް ގްރީން އަކީ އޭނާގެ ޒުވާން އުމުރުގައި ނަޞާރާ އެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާ އަކީ މަސްތުވާތަކެތީގެ އަޅަކަށް ވެސް ވީ ޒުވާނެކެވެ.

ޓެންޒޭނިއާގެ ދާރުއް ސަލާމްގައި 1962 ވަނަ އަހަރު އުފަންވި ގްރީންގެ ބައްޕަ އަކީ އިނގިރޭސި އިސްތިޢުމާރުގެ އިދާރީ މަސައްކަތްތެރިއެކެވެ. އޭނާގެ މަންމައަކީ ޕޮލެންޑަށް އުފަން ކެތަލިކް މަޒްހަބުގެ ނަސާރާއެކެވެ. 'އިސްލާމް ނެޓް' އަށް ގްރީން ކިޔައިދެއްވާފައިވާ ގޮތުގައި އޭނާގެ ފުރާވަރުގެ އުމުރުން ފެށިގެން ދިރިއުޅުއްވީ ވަރަށް ފަސޭހައިގައެވެ. އެގޮތުން އާއިލާއާއި އެކު މިސްރުގައި ހޭދަކުރެއްވި ދުވަސްތަކުގައި ގޭގައި ހާދިމުން ތިއްބެވެ. އާއިލާގެ ޑްރައިވަރަކާއި ކައްކާ މީހަކު ހުއްޓެވެ. ނަމަވެސް މިސްރުގެ ދިރިއުޅުއްވުމަށް އޭނާ ފުރަތަމަ ނުރުހިވަޑައިގެންނެވި އެވެ.

ދީނާއި މެދު ސުވާލު ގިނަވުން

ގްރީން ވިދާޅުވެފައިވާ ގޮތުގައި އޭނާ ތަފާތު އެކިއެކި ދީންތަކާ ބެހޭ ގޮތުން ދިރާސާ ކުރައްވަން ޖެހިވަޑައިގެންނެވި އެވެ. ހިތުގެ ހަމަޖެހުން ގެއްލޭ ސުވާލުތަކަކާއި ހެދި އެވެ. އެގޮތުން ފުރަތަމަ ރޯމަން ކެތަލިކް މަޒްހަބުގެ ނަސާރާ ދީނުގައި ހުރި ފޫނުބެދޭ ގިނަ ކަންތައްތަކަކާއި މެދު އޭނާގެ ހިތްޕުޅުގައި ސުވާލު އުފެދެން ފެށި އެވެ. އެގޮތުން އެންމެ ބޮޑަށް ގަބޫލު ކުރަން ދަތި ކަމަކަށްވީ ތިން ފަރާތަށް އަޅުކަން ކުރަން ޖެހޭ ޖެހުމެވެ. އޭނާއަށް ގަބޫލު ކުރެއްވުނީ ތިން ފަރާތް ހިމެނޭ އެ އުސޫލަކީ ކަލަކާ އެކަށޭނެ ގޮތެއް ނޫން ކަމަށެވެ. ދެން އޭނާ ބުދުދީނުގެ ބައެއް ކަންތައްތައް ދަސްކުރެއްވި އެވެ. އެކަމުން ވެސް އެނގި ވަޑައިގެންނެވީ އެއީ އެއްވެސް ހިތްހަމަޖެހުމެއް ނެތް ކަމެއް ކަމެވެ. ދެން ވެދެވަޑައިގެންނެވީ ރަސްތާފަރީ ނަމަކަށް ކިޔާ ދީނެއްގެ ތެރެއަށެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުވާނާ ބޭނުން ކުރައްވަން ފެށުނީ އެކަމުގެ ސަބަބުންނެވެ.

އެކަމުން ވެސް ހިތްޕުޅަށް ހަމަޖެހުމެއް ލިބިވަޑައި ނުގެންނެވުމުން ދެން އޭނާއަށް ހީކުރެއްވުނީ ހިތްހަމަ ޖެހުމަކީ ފައިސާއިން ލިބޭ އެއްޗެއް ކަމަށެވެ.

"... އަހަރެން ހިތަށް އަރަމުން ދިޔައީ ވަރަށް ގިނަ ފައިސާ ވަރަށް ކުޑަ މަސައްކަތަކުން ލިބިގެންނޭ އުފާ ވާނީ. އާދައިގެ މުއްސަނދި ކަމެއް ނޫން ބޭނުންވާން ފެށީ. އަމިއްލަ މަތިންދާބޯޓްތަކާއި އަމިއްލަ ރަށްތައް،" އޭނާ ވިދާޅުވެފައި ވެއެވެ.

އެހުރިހާ ވިސްނުން ތަކަކަށް ފަހު އޭނާ ވިސްނަވަން ފެށްޓެވީ ހަޔާތުގެ މަގުސަދަކީ ކޮބައިތޯއެވެ. އިނގިރޭސި މެދު ފަންތީގެ އާއިލާއެއްގެ ދިރިއުޅުމުގެ ބުރު ހުންނަ ގޮތް އެއީ ދިރިއުޅުމުގެ މަގުސަދު ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެއްވުނެވެ.

"...މަސައްކަތްކޮށް، ފައިސާ ހޯދައި ދަރިންނަށް ކިޔަވައި ދިނުން. ދެން އެދަރިން އަނެއްކައި މަސައްކަތްކޮށް، ފައިސާ ހޯދައި އެދަރިންގެ ދަރިންނަށް ކިޔަވައި ދިނުން. އަހަރެންނަށް ވިސްނެން ފެށީ ދުނިޔޭގައި ދިރިއުޅުމުގެ މިއަށް ވުރެ މާނަ ހުރި މަގުސަދެއް ވާން ޖެހޭނޭ،" އޭނާ ވިދާޅުވެފައި ވެއެވެ.

އިސްލާމް ދީނުގެ ހިދާޔަތު ލިބުން

ނަޞާރާއިން އަޅުކަން ކުރުމުގެ ގޮތުން ކޮށް އުޅޭ ކަންތައްތަކާއި މެދުގައި ވެސް އޭނާއަށް ދެކެވުނީ ވަރަށް ކޫސަނި ކަންތައްތަކެއްގެ ގޮތުގައެވެ. އެގޮތުގައި ދުވަސްތަކެއް ވީ ފަހުން އޭނާއަށް ފެނިވަޑައިގަންނަވަން ފެށްޓެވީ ގޭގައި ކައްކަން އުޅޭ އިބުރާހީމް ނަމަކަށް ކިޔާ މިސްރު މީހާ ނަމާދުކުރާ މަންޒަރެވެ.

" ... އޭނާ ނަމާދު ކުރާނެ ބަދިގެ ތެރޭގައި މުސައްލަ ފަތުރާލައިގެން ވަރަށް ސާދާ ގޮތަކަށް. ވަރަށް ހިމޭން ކަމާއި އެކު. އަހަރެން ހިތަށް އެރި ހެއްދެވި އިލާހަށް މީހަކު އަޅުކަން ކުރާނީ މިފަދައިންނޭ،" އެމަންޒަރު ސިފަކުރައްވަމުން ގްރީން ވިދާޅުވެފައި ވެއެވެ.

އިސްލާމް ދީނުގެ ހިދާޔަތު ލިބިވަޑައިގަންނަވަން މެދުވެރި އެންމެ މުހިއްމު ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައި ވަނީ ޤުރުއާނުގެ އިނގިރޭސި ތަރުޖަމާއެއް ކިޔުއްވަން ލިބިވަޑައިގެންނެވުމެވެ.

"... އަހަރެންނަކީ ވަރަށް އަވަހަށް ފޮތް ކިޔާ މީހެއް. އެކަމަކު ޤުރުއާނުގެ ތަރުޖަމާ މުރާޖައާ ކުރަން ވަރަށް ވަގުތު ހޭދަވި. ވަރަށް ބޮޑަށް ވިސްނަން ޖެހުނު. ކުރިން ކީ ބައިތައް އަނެއްކާ ކިޔައި، އެކަހަލަ ގޮތަކަށް،" އޭނާ ވިދާޅުވެފައި ވެއެވެ.

ޤުރުއާނުގެ ބޮޑު ބައެއް ދިރާސާ ކުރެއްވުމުން ގްރީންއަށް ވިސްނި ވަޑައިގެންނެވީ އެއްވެސް އިލާހެއްގެ ބަސްފުޅު ފޮތެއްގައި ވާނަމަ އެފޮތަކީ ޤުރުއާން ކަމަށެވެ. އެހެންވެ، އެފޮތުގައި އަންގަވާފައިވާ ގޮތަށް ނަމާދު ކުރަން އޭނާ ބޭނުންވި އެވެ.

ނަމަވެސް ނަމާދު ކުރާނެ ގޮތުގެ ތަފުސީލެއް އޭނާއަށް ޤުރުއާނުން އެނގިވަޑައެއް ނުގެންނެވި އެވެ.

"... އިސްލާމްދީނުގެ މައުލޫމާތު ހިމެނޭ ފޮތް ވިއްކާ ތަނަކަށް ވަނިން އެހެންވެ. އެތަނަށް ވަދެ ފޮތްތައް ބަލަމުން ދަނިކޮށް، މީހަކު އައިސް އެހި ކަލޭ ތީ މުސްލިމެއް ހޭ. އަހަރެން ބުނިން ތިއެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު ކަލަކީ ﷲ ކަމާއި ރަސޫލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ކަމަށޭ ގަބޫލު ކުރަނީ،" އިސްލާމް ދީނާ ބެހޭ ގޮތުން މުސްލިމަކާ ކުރި ފުރަތަމަ މުއާމަލާތް ކިޔައި ދެއްވަމުން އޭނާ ވިދާޅުވެފައި ވެއެވެ.

އެދުވަހު ބައްދަލުވި މުސްލިމުން އޭނާއަށް ނަމާދު ކުރާނެ ގޮތް ކިޔައި ދިނެވެ. ނަމަވެސް އޭނާ ވިދާޅުވެފައިވާ ގޮތުގައި ރަނގަޅު މުސްލިމަކަށް ވެވަޑައިގެންނެވުނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ.

"... ފަސް ވަގުތު ނާޅައި ނަމާދު ކުރަން ފެށުމުން، ދީނުގައި ހުރި އެހެން ކަންތައްތަކަށް އަމަލު ކުރެވެން ފެށުނީ. އިސްލާމް ދީނާއި އެދީނުން ބޭރާ ދެމެދު ހުރި ހުރަހަކީ އެއީ. ނަމާދު ރަނގަޅަށް ޚުޝޫއަތް ތެރި ކަމާއި އެކު ކުރަން ފެށުމުން އެހެން ކަންތަކަށް ފެތެވިއްޖެ،" ގްރީން ވިދާޅުވެފައި ވެއެވެ.

އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގެންނެވުމުން ކުރެއްވުނު އިހުސާސް ކިޔުއްވައި ދެއްވަމުން ގްރީން ވިދާޅުވެފައި ވަނީ އައު ދިރުމަކުން ދިރުނު ފަދަ އިހުސާސެއް ކުރެއްވުނު ކަމަށެވެ.

"... އަނދިރި ގަނޑަކުން އަލި ކަމަކަށް، މުޅިން އައު ދިރުމަކަށް އާދެވުނު ހެން ހީވީ،" އޭނާ ވިދާޅުވެފައި ވެއެވެ.