ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޅ. ނައިފަރުގައި ހުޅުވައިފި އެވެ.

އިއްޔެ ނައިފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްގާރީ އަލީ ވަހީދު އަބްދުއްރަހްމާނެވެ.

އެ ރަސްމިއްޔާތުގައި އަލީ ވަހީދު ދެއްކެވި ވާހަކަފުޅުގައި އަތޮޅުތެރޭގައި ހުޅުވޭ 11 ވަނަ ގޮފި ނައިފަރުގައި ހުޅުވިގެން ދިޔަ ދިއުމަކީ ނައިފަރުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ނިޢުމަތެއްކަމުގައި ވިދާޅުވި އެވެ.

އެތަނުން ހިންގާ ކޯސްތަކުގެ ސަބަބުން ކީރިތި ޤުރުއާނަށް އަހުލުވެރިވެ ޤުރުއާން ކިޔެވުމުގެ ރޫޙް ނައިފަރުގައި އިތުރަށް އާލާވެގެން ދާނެކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ނައިފަރު ގޮތްޕަކީ މާތްﷲ އިރާދަފުޅާއި ވާގިފުޅުން ނައިފަރުގެ ރައްޔިތުންނަށާއި އަތޮޅުގެ ރައްޔިތުންނަށް ވަރަށް ފައިދާ ކުރަނިވި އުނގެނުމުގެ ރޫޙް ހުރި މި ޢިލްމީ ފަސްގަނޑަށް ވަރަށް ބޭނުންތެރި ގޮތްޕެއް. މި ގޮފީގެ ސަބަބުން ނައިފަރާއި އަތޮޅުގެ އެހެން ރަށް ތަކުގެ ރައްޔިތުންނަށްވެސް ކީރިތި ޤުރުއާން ކިޔެވުމުގެ ހަމަތަކާއި އުސޫލްތައް ދަސްވެ ޤުރުއާނުގެ ރޮނގުން ކުރިއަރައި ޤުރުއާނަށް އަޙްލުވެރި މުޖުތަމައެއް ބިނާވެ މި ގޮފިން އުފެދޭ ފަރާތްތަކަކީ ލިބޭ ޢިލްމު ފަތުރަން މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ނައިފަރު ގޮފި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ނައިފަރު ކައުންސިލް

އެ ގޮފި ނައިފަރުގައި ހުޅުވުމަށް އެ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ނައިފަރު ކައުންސިލާ ގުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ކުރި މަސައްކަތް ފާހަގަކޮށް އަލީ ވަހީދު ވަނީ ޝުކުރު ދަންނަވާފައެވެ.

އަލީ ވަހީދު ވިދާޅުވީ، ސަޢުދީ ރަސްގެފާނު ރާއްޖެއަށް ހަދިޔާ ކުރެއްވި 10 މިސްކިތުގެ ތެރެއިން ނައިފަރުގައި އިމާރާތް ކުރަން ހަމަޖެހިފައިވާ މިސްކިތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބިންގާ އަޅުއްވައި ދެއްވި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން މިހާރުވާނީ މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވިފަ. އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުސްތަޤްބަލެއްގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި އެ ގޮފީގައި ހިންގޭ އިތުރު ކޯސްތަކަކީ ލެވެލް 1 ގައި ބައިވެރިވި އަދަދަށްވުރެވެސް ގިނަ ބައިވެރިން ބައިވެރިވާ ކޯސްތަކަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ނައިފަރު ގޮފި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ނައިފަރު ކައުންސިލް

ކޯހުގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް ކޯސް ފުރިހަމަކޮށް ކާމިޔާބުކޯހެއްގެ ގޮތުގައި ކޯސް ނިންމައި ލުމަށް ޝިޔާމް އިލްތިމާސް ކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާއިބެހޭ މަރުކަޒްގެ ޑެޕިއުޓީ ޕްރިންސިޕަލް އަޞްދުއްރަޙްމާން ވިދާޅުވީ، ގުރުއާނާ ބެހޭ މަރުކަޒުގެ ނައިފަރު ގޮފީގައި ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އިމާމުން ތަމްރީން ކުރުމުގެ ކޯހާއި ޖަމާއަތްތެރިން ތަމްރީން ކުރުމުގެ ކޯސް ފެށިގެން ދާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ސެންޓަރުގައިވެސް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ހުރިހައި ކޯހެއްވެސް ހިންގާނެ. ޚިފްޒް ކުލާސްތައްވެސް މިތަނުގައި ކުރިޔަސް ދާނެ. ލެވެލް 1 ނިމުމާއިއެކު ލެވެލް 2 ފަށައި އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ ކާމިޔާބު ކޯސްތަކެއް ކުރިޔަށް ގެންދާނެ،" އަޞްދުއްރަޙްމާން ވިދާޅުވި އެވެ.

އެ ގޮފި ނައިފަރުގައި ހުޅުވާފައިވާއިރު މިއީ ކީރިތިޤުރުއާނާ ބެހޭ މަރުކަޒުން އަތޮޅުތެރޭގައި ހުޅުވި 11 ވަނަ ގޮތްޕެވެ.

އެ ރަސްމިއްޔާތުގައި ނައިފަރު ކައުންސިލުންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ކޯހުގެ ހުރިހާ ބައިވެރިންވެސް ކޯހުގެ ގަޑިތަކަށް ކަމޭހިތައި ކިޔަވައި ދެއްވާ އުސްތާޒުގެ ލަފަޔާއި އިރުޝާދާއެކު ސެޓްފިކެޓެއްގެ ބޭނުމުގައި ހަދާ ކޯހަކަށް ނަހަދައި މުސްތަގުބަލަށް ބޭނުން ހިފޭފަދަ ކޯހެއްގެ ގޮތުގައި ކޯސް ނިންމައިލުމަށް އެދިވަޑައިގެންނެވި އެވެ.

އިއްޔެ ވަނީ ކީރިތި ޤުރުއާނާއި ބެހޭ މަރްކަޒުގެ ކޯސްތައް ނައިފަރުގައި ހިންގުމަށް ނައިފަރު ކައުންސިލާއި ކީރިތި ޤުރުއާނާއިބެހޭ މަރުކަޒާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ދެފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ލިޔެވިފައިވާއިރު ނައިފަރު ގޮފީގައި ހިންގޭ ކޯސްތައް ކުރިޔަށް ގެންދާނީ އެއްބަސްވުމުގެ ދަށުންނެވެ.