ނޭޝަނަލް ޑިސާސްޓާ މެނޭޖުމަންޓް ސެންޓަރު އުވާލައި ގިނަ މަސްއޫލިއްޔަތުތަކަކާ އެކު "ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ" އުފެއްދުމަށް ބިލެއް ހުށަހަޅައިފި އެވެ.

ދާދިފަހުން މަޖިލީހަށް އިންތިހާބުވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުށަހަޅުއްވާފައިވާ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލުގައި ބުނެފައި ވަނީ، ބިލު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީއެއް އުފައްދަން ޖެހޭނެ ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ އެ އޮތޯރިޓީ އުފެދުމާ އެކު ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު އުވާލައި އެތަނުގެ އެންމެހާ މުދަލާއި ވަސީލަތްތަކާއި މުވައްޒަފުންނާ އެފަރާތްތަކުގެ އެންމެހާ ހައްގުތަކާއި އިލްތިޒާމުތައް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީއަށް ބަދަލުވާނެ ކަމަށެވެ.

އޮތޯރިޓީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޗީފް އެގްޒެކެޓިވެއް އަދި ޑެޕިއުޓީ ޗީފު އެގްޒެކެޓިވެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހޭ ކަމަށް ވެސް އެ ބިލްގައިވެ އެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުން ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ނެވެ.

އޮތޯރިޓީއަށް ދީފައިވާ ބާރުތައް:

  • ކާރިސާތަކުގައި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުން.
  • ކާރިސާތަކުގެ ނުރައްކާތެރިކަން ކުޑަކުރުމާ ގުޅޭ ގޮތުން ގަވާއިދުތަކާ އުސޫލުތަކާ ޕްލޭނުތައް ހެދުން.
  • ވިލަރެސްކުރާ ފަރާތުގެ ގޮތުގައި ކާރިސާއާ ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތެރިވުން.
  • ވިލަރެސްކުރާ ފަރާތުގެ ގޮތުގައި ކާރިސާއާ ގުޅޭ ކަންކަމާ ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވުން.
  • ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާއި ގުޅޭ މައްސަލަތަކާއި ކަންކަމަށްހާއްސަވުން.
  • ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާއި ގުޅޭ ދިރާސާ ކުރުމާއި މައުލޫމާތު އެއްކުރުމާއި ފެތުރުން.
  • ސަރުކާރުގެ މުއައްސަސާތަކަށާއި ކައުންސިލުތަކާއި ޖަމިއްޔާތަކާ އަމިއްލަ މުއައްސަސާތަކާއި އަމިއްލަ ފަރުދުންނަށް ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާއި ގުޅޭ ގޮތުން ލަފަޔާއި މަޝްވަރާ ދޭ ގުނަވަނެއްގެ ގޮތުގައި ހަރަކާތްތެރިވުން.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ހުރިހާ ވަޒީރުން ހިމެނިވަޑައިގަންނަވާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ކައުންސިލެއް އެ ގާނޫނަށްއަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އުފައްދަން ޖެހެ އެވެ.

އެ ކައުންސިލުގެ މަގުސަދަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި ތައްޔާރުވެ ތިބުމާއި ކާރިސާތަކަށް އިޖާބަ ދިނުމާއި ކާރިސާތަކުން އިޔާދަވުމާއި ބެހޭނިންމުންތައް ނިންމާއި ގައުމީ ސިޔާސަތުތައް ކަނޑައެޅުމެވެ.

ބިލު ހުށަހެޅުއްވި މެމްބަރު ފާރިސް ވިދާޅުވީ، އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ، ގުދުރަތީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދިމާވާ "އަރައްކާތަކާއި ކާރިސާތަކުން" ރާއްޖޭގެ ސަރަހައްދާއި ރައްޔިތުންނާ އެ ރައްޔިތުންގެ މުދަލާއި ރާއްޖޭގެ ތިމާވެއްޓާއި އަދި ބިނާވެށި ހިމާޔަތް ކުރުން ކަމަށެވެ.