28 Jun 2015, 23:22
އާ ރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅު ސަފާރީތަކަށް ވަގުތީ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހާވާލުކޮށްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
" ދިޔަނެރު އެއޮތީ އެމްޕީއެލް އާއި ހަވާލުކޮށްފައި ސަފާރީ އުޅަނދުފަހަރު އަޅާ ހާބަރެއްގެ ގޮތުގައި އެތަން ވަގުތީ ގޮތުން ބޭނުންކުރަން ވެގެން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ސަފާރީ ތަކަށް ބޭނުންވާ ހިދުމަތްތައް ދިޔަނެރުން ދިނުމަށް އެމްޕީއެލް އިން ތައްޔާރުވަމުންދާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ހުޅުމާލޭގައި ދެވަނަ ފިޔަވަހި ނިމޭއިރު އެތަނުގައި ޔޮޓް މެރީނާ އެއް އޮންނާނެ ކަަމަށާއި އެހެންކަމުން ސަފާރީ ތަކުގެ ދާއިމީ ބަނދަރަކަށް ވާނީ އެތަން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
" ސަފާރީތައް ގިނަވެ ޑިމާންޑް އެކްސަސް ވެއްޖެއްޔާ ކޮންމެ ވަގުތެއްގައި ވެސް ދިޔަނަރު ފަޅު ބޭނުންކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.
އިކޮނަމިކްމިނިސްޓަރު މިއަދު ވަނީ ލިވަބޯޑް އެސޯސިއޭޝަނާއި ބައްދަލުކޮށް ސަފާރީ ބަނދަރުގެ ވާހަކަ ހިއްސާ ކޮށްފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައި ވަނީ ސަފާރީތަަކަށް ސަލާމަތްތެރި ބަނދަރެއް ހެދުމާއި ބެހޭގޮތުންނާއި ސަފާރީތައް ބަންނަށް ގެންނަ މުދަލުން ޑިއުޓީ މާފްކުރުމާއި އޮޅުވާލާއިގެން ސަފާރީގެ ޗުއްޓީ ވިއްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި ލަގްޒަރީ ޔޮޓް ދެނެގަންނާނެ ގޮތެއް ކަނޑައެޅުމާއި ބެހޭ ގޮތުންކަމަށް ލިވަބޯޑް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
" އަޅުގަނޑުމެންގެ އެސޯސިއޭޝަން އުފެދުނީ ވެސް ބަނދަރެއްގެ ކަންތަކާއި ސަރުކާރާއި މަޝްވަރާކުރުމަށް،" ލިވަބޯޑްގެ ރައީސް ހަސަން ހަލީމް ވިދާޅުވި އެވެ.
ބަނދަރެއްގެ މަސައްކަތާ ބެހޭ ގޮތުން ލިވަބޯޑްގެ އެކިއެކި ބޭފުޅުން ވަރަށް މަސައްކަތްކުރައްވާފައިވާ ކަަމަށް ހަސަން ހަލީމް ވިދާޅުވި އެވެ.
" މި ފުރިހަމަވީ އަޅުގަނޑުމެންގެ ވަރަށް ގިނަ ދުވަސްވީ އުއްމީދެއް،" ލިވަބޯޑްގެ މެމްބަރަކު ވިދާޅުވި އެވެ.
ރާއްޖޭގައި 165 ސަފާރީ އުޅަނދު އޮވެ އެވެ.