28 Jun 2015, 22:48
އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ އެ ކުލަބުން ވިއްކާލަން ތައްޔާރުވަމުންދާކަމަށް، ބާސެލޯނާގެ ކުރީގެ ޕްރެޒިޑެންޓް އަދި މިފަހަރު އެ މަގާމަށް ވާދަކުރައްވާ ޔޮހާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ބާސާގެ ޕްރެޒިޑެންޝަލް ކެންޑިޑޭޓާ ހަވާލާދީ ގޯލް ގައި ބުނެފައިވަނީ، މި ސަމަރގައި ޕޮގްބާ ވިއްކާލާނޭ ކަމުގެ އިޝާރާތެއް ޔުވެންޓަސްއިން ކޮށްފައިވާ ކަމަށެވެ.
މި ފަހަރުގެ ޓްރާންސްފާގައި ފްރާންގެ 22 އަހަރުގެ މިޑްފީލްޑަރު ވިއްކާލުމުގެ އިޝާރާތެއް ޔުވެންޓަސްއިން ކޮށްފައިވާއިރު، އޭނާ ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބްތަކުގެ ތެރޭގައި ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ އަދި ޕެރިސް ސެއިންޓް-ޖާމަން ހިމެނެއެވެ.
ބާސެލޯނާއަކީވެސް ޕޮގްބާއަށް އެންމެ ބޮޑަށް ޝައުގުވެރިވާ އެއް ކްލަބުކަމަށްވާއިރު، ލަޕޯޓާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޖުލައި 18 ގައި އޮންނަ އިންތިޚާބުގެ ކުރިން ޕޮގްބާ ހޯދުމަށް ރަސްމީކޮށް ޔުވެންޓަސްއާ މަޝްވަރާކުރުމަށް ބާސާގެ އިންޓަރިމް ބޯޑުގެ މެންބަރުން ޓިއުރިންއަށް ދާ ކަހަލަ ހަބަރުތަކެއް ފެތުރިފައި ވުމެވެ.
ބާސާގެ ރައީސްކަމުން ޖޯސެފް މާރިއާ ބާޓޮމެއޫ ދުރުކުރުމަށް އަތުކުރިއޮޅާލާފައިވާ އެ ކްލަބުގެ ކުރީގެ ރައީސް ކުރިން ހާމަކޮށްފައި ވާގޮތުގައި ޕޮގްބާ އެ ކްލަބަށް ގެނެވޭނޭ ކަމުގެ ޔަގީންކަން އޭނާއަށް ވަރަށް ބޮޑެވެ. ޕޮގްބާގެ އޭޖެންޓް މިނޯ ރަޔޯލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ލަޕޯޓާ ގަބޫލުކުރައްވާ ގޮތުގައި ބާސާއިން ޕޮގްބާ ބޭނުންނަމަ އިންތިޚާބު ނިމެންދެން އިންތިޒާރުކޮށްލަން ޖެހޭނެއެވެ.
"އަޅުގަނޑަށް ވަރަށް ނުތަނަވަސް އިހްސާސްތަކެއް ކުރެވެނީ، އިންޓަރިމް ބޯޑުގެ މެންބަރުން މިހާރު ކުރައްވަން އެއުޅުއްވާ ކަންތައްތަކުން،" ބާސެލޯނާގައިކުރިއަށް ގެންދިޔަ ޗެރިޓީ އިވެންޓެއްގައި ވާހަކަދައްކަވަމުން ޕޮގްބާގެ ރިޕޯޓްތަކާ ގުޅުވައިގެން ލަޕޯޓާ ވިދާޅުވިއެވެ. "އެއީ މިފަދަ ވަގުތީ ބޯޑަކުން ކަންތައްތައް ކުރަންވީ އެންމެ ރަނގަޅު ގޮތެއް ނޫން."
ލަޕޯޓާ ވިދާޅުވީ، ބާސާގެ އިންޓަރިމް ބޯޑުން މިހާރުވެސް ވަނީ، ކްލަބްގެ ކުޅުންތެރިއެއްކަމަށްވާ ޖެރާޑް ޑެލޫފް 6 މިލިއަން ޔޫރޯއަށް އެވަޓަންއަށް ވިއްކާލާފައި ކަމަށާއި އަދި މިހާރު އެ މީހުން މަސައްކަތްކުރަމުން ގެންދަނީ އަގުބޮޑުކޯށް ކުޅުންތެރީން ހޯދުމުގެ މަަސައްކަތް ކަމަށެވެ.
"މިއީކީ ރަނގަޅު ގޮތެއް ނޫން ކްލަބުގެ މެންބަރުން އިންތިޚާބު ނުކުރާ ބޯޑަކުން މިގޮތަށް އަމަލުކުރުމަކީ. އޭގެ ސަބަބުން މެންބަރުން ހިތްހަމަ ނުޖެހޭނެ،" ވަގުތީ ބޯޑަށް ފާޑުވިދާޅުވަމުން ލަޕޯޓާ ވިދާޅުވިއެވެ.
ލަޕޯޓާ ވިދާޅުވީ، އޭނާއާ ޕޮގްބާގެ އޭޖެންޓާ ވަރަށް ގާތް ގުޅުމެއް އެބައޮތްކަމަށާއި އަދި ބާސާގެ އިންތިޚާބު ނިމުމުގެ ކުރީން ޕޮގްބާ ވިއްކާލުމާގުޅޭ ގޮތުން ޔުވެންޓަސްއިން ބާސާއާ މަޝްވަރާކޮށްފާނޭ ކަމަށްވެސް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
"ޔުވެންޓަސްއިން ވަނީ، ޕޮގްބާ ވިއްކާލާނޭކަމުގެ އިޝާރާތެއް ކޮށްފައި، އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ، ޖުލައި 19ގެ ކުރިން އެމީހުން އެކަމާ މުއާމަލާތެއް ކުރާނޭ ކަމަކަށް،" ލަޕޯޓާ ވިދާޅުވިއެވެ.