މިއަދު ހަވީރު މަސްވެރިން ޕާކްގައި ކާން ތިބި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ މަސްވެރިންގެ ޕާކްގެ ބޭރު ތޮށިގަނޑުމަތީ ކާން ތިއްބައެވެ. މިއަދު 17:50 ގައި ފުލުހުން އެމީހުން ހައްޔަރުކޮށްފައިވާއިރު އެމީހުންގެ އަތުން ވަނީ ލުއިކާނާ ތަކެއްވެސް ހޯދާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، މިއަދު ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 25 އަހަރުގެ ދެ ފިރިހެންނުންނާއި 25 އަހަރުގެ އަންހެނެއް ކަމަށެވެ.

ފުލުހުން މީޑިއާއަށް ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ވަނީ މި ރޯދަ މަހު ރޯދައަށް ނުހުރެ ކައިގެން 14 މީހަކު ހައްޔަރުކޮށްފައެވެ.

ދީނީ ގޮތުން ބަލާއިރު މަގުބޫލް އުޒުރެއް ނެތި ރޯދަ ދޫކޮށްލައިފި މީހާ އެކަމަށް ތައުބާވެ ޖެހިޖެހިގެން ދެ މަސް ވަންދެން ރޯދަ ހިފަންޖެހެ އެވެ.

ރޯދަ މަހު ދުވާލު ވަގުތަކުގައި ރޯދައަށް ނުހުރެ ކެއިން ބުއިމަކީ ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް ފެންމަތިވާ މައްސަލައެކެވެ.