28 Jun 2015, 20:37
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހަޅުއްވާފައިވާ ތިން ވަޒީރަކަށް ރުހުން ދިނުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ ތިން ވަޒީރުންނަކީ ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ހ. އާބަނޑޭރިއާގޭ އަހުމަދު ޒުހޫރާއި އިސްލާމިކް މިނިސްޓަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ހަލަވެލި، ބ. އޭދަފުށި ޑރ. އަހުމަދު ޒިޔާދުގެ އިތުރުން ހެލްތު މިނިސްޓަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ހ. އޯކިޑު އިރުތިޝާމް އާދަމް އެވެ.
އެ ތިން ފަރާތްތަކަށް ރުހުން ދޭން ފެންނަ ކަމަށް އެ ތިން ފަރާތުގެ ނަން ދިރާސާ ކުރެއްވި، ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ އެ ތިން ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
ކުރީގެ ހެލްތު މިނިސްޓަރަކަށް ހުންނެވި ޒުހޫރު ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޔޫތު މިނިސްޓަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު މަލީހު ޖަމާލު ވަކި ކުރެއްވުމަށް ފަހުއެވެ.
ހެލްތު މިނިސްޓަރު ކަމަށް އިރުތިޝާމް ހަމަޖައްސާފައި ވަނީ ޔޫތު މިނިސްޓަރު ކަމަށް ޒުހޫރު ހަމަޖެއްސެވި ދުވަހު އެވެ. އެއީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޒިޔާދު އެ މަގާމަށް ހަމަޖައްސަވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދުޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވުމުން ނެވެ. ޒިޔާދު އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ މަހުގެ 6 ވަނަ ދުވަހު އެވެ.