28 Jun 2015, 20:28
ފަޅޯފަތުގެ ދިޔައިން ޑެންގީ ބައްޔަށް ފުރިހަމަ ފަރުވާއެއް ލިބޭ ކަމަށް އެކަށީގެންވާ ސައިންޓިފިކް ހޯދުންތަކުން ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފަޅޯފަތަކީ ޑެންގީ ބައްޔަށް ފަރުވާ ހޯދާ އެއްޗެއް ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި ބައެއް ނޫސްތަކުގައި ޚަބަރުތައް ފަތުރާފައިވާ ކަމަށެވެ. ނަމަވެސް ޑެންގީ ހުމަށް ފަޅޯފަތުގެ ދިޔަ ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވެސް އިރުޝާދު ދީފައިނުވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.
"ފަޅޯފަތުގެ ދިޔައިން ޕްލޭޓްލެޓް ކޮންމެވެސް ވަރަކަށް އިތުރުވާ ކަމަށް ބައެއް ސްޓަޑީތަކުގައި ފެނޭ. ނަމަވެސް ޑެންގީގެ އެންމެ މުހިންމު ފަރުވާއަކީ ބަލިމީހާއަށް ބޭނުންވާ ވަރަށް ދިޔާތަކެތި ދިނުން،" އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ ޑޮކްޓަރީ ފަރުވާ ނުހޯދައި، މިހާތަނަށް ސައިންސް އިން ކަށަވަރު ނުވާ ފަޅޯފަތުގެ ދިޔަފަދަ ތަކެތި ބޭނުންކުރުމަކީ ބަލިމީހާ ނުރައްކާތެރި ހާލަތަކަށްދާނެ ކަމެއް ކަމަށެވެ.
ޑެންގީގެ ނުރައްކާތެރި ހާލަތްތަކުގައި ވަގުތުން ފަރުވާ ނުލިބިއްޖެނަމަ ފުރާނައަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ޑެންގީއަށް މިހާރު ހޮސްޕިޓަލްތަކުގައި ދެމުންދާ ފަރުވާ އަކީ ތަހުލީލުތަކާއި ހޯދުންތަކުން މިވަގުތު އެ ބައްޔަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
"ރާއްޖޭގައި ވެސް ޑެންގީއަށް ފަރުވާދެމުން ދަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ގައިޑުލައިނާއި އެއްގޮތްވާގޮތުގެމަތިންނެވެ،" އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.