04 Mar 2011, 01:32
ކުރީގެ ރައީސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން ރޭ މާލޭގައި ހިންގި ހަމަނުޖެހުން ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ކުރީގެ ރައީސް މައުމޫނަށް ތާއީދު ކުރާ ބަޔަކު މާލޭގައި ހިންގި ހަމަނުޖެހުންތަކުގައި 10 ފުލުހަކަށް ވަނީ އަނިޔާވެފައިވާ ކަމަށެވެ.
ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރާ ހަވާލާ ދެއްވައި ރައީސް އޮފީހުން ބުނެފައި ވަނީ އެއްވެސް މުޒާހަރާއެއްގެ ބައިވެރިން، ތަކެތި އުކައި، ހަމަނުޖެހުން ހިންގުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"ޞުލްޙަވެރި ސިޔާސީ އެއްވުންތަކަކީ ރާއްޖޭގެ ޅަފަތުގައި މިވާ ޑިމޮކްރަސީގައި ހުއްދަ، އަދި މަރުޙަބާ ކިޔާ ކަމެއް. ނަމަވެސް ސިޔާސީ އެއްވުންތަކަކީ ޞުލްޙަވެރި އެއްވުންތަކަށް ވާންޖެހޭނެ" ޕްރެސް ސެކްރެޓަރީ ވިދާޅުވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ވެއެވެ. އަދި ބުނެފައި ވަނީ ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް އިންތިޚާބުވެފައިވާ ސަރުކާރެއް ވައްޓާލުމަށް ހަމަނުޖެހުން ހިންގުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
"ރާއްޖޭގައި އަނިޔާވެރިކަމާއި ގަދަބާރުން ކަންކަން ހިންގުމުގެ ސިޔާސީ ނިޒާމު މިހާރުވަނީ މާޒީގެ ތެރެއަށް ދޫކޮށްލާފައި. އަޅުގަނޑުމެން މިހާރު ލިބިގެންފައި މިވަނީ ގިނަ ޕާޓީތައް ބައިވެރިވާ، ބާރުތައް ވަކިކުރެވި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޙައްޤު ލިބިދީފައިވާ ޑިމޮކްރަސީއެއް. މިކަންކަމުން ރާއްޖެ ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރާ ކޮންމެ ފަރާތެއް އަޅުގަނޑު ކުށްވެރިކުރަން،" އެ ހަބަރުގައި ޒުހައިރު ވިދާޅުވި ކަމަށް ބުނެފައި ވެއެވެ.