ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާ ސަފީރެއްގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށް ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މެލޭޝިޔާގެ ސަފީރުކަމަށް ފަހުމީ އައްޔަން ކުރެއްވުމަށް މަޖިލީހުގެ މަޝްވަރާ ހޯއްދަވަން ރައީސް ޔާމީން ހުށަހެޅުވީ، ރާއްޖެއިން މެލޭޝިޔާއަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ފަޔާޒު (އެފްއޭ) އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ފަހުމީ މިހާރު ވެސް ހުންނެވީ ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ކަމުގެ މަގާމުގަ އެވެ.

ފަހުމީ އަކީ ތައުލީމީ ދާއިރާއަށް ވެސް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.