މިއަދު އެފްއޭއެމް އިން ތައާރަފްކުރި ސީޒަން ޓިކެޓަކީ ދަނޑަށް ސަޕޯޓަރުން ވެއްދުމަށާއި ކުލަބުތަކަށް މެންބަރުން ހޯދުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ބައްސާމު ޢަދީލު ޖަލީލު ވިދާޅުވެއްޖެއެވެ.

ސީޒަން ޓިކެޓްތައް ކުލަބުތަކާ ހަވާލުކުރުމަށް އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ބައްސާމު ވިދާޅުވީ އެއީ މިހާރުގެ މެނޭޖުމެންޓުން އެފްއޭމްއާ ހަވާލުވުމަށްފަހު ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން މުހިންމު ބަދަލެއް ކަމަށެވެ.

ޓިކެޓަކަށްވުރެ ސީޒަން ޓިކެޓްގެ ގޮތުގައި ދިން ކާޑް ބަލައިގަނެވޭނީ ކުލަބުގެ އައިޑެންޓިޓީއެއްގެ ގޮތުގައި ކަމަށް ބައްސާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދޭ ސީޒަން ފާހަކީ ކޮންމެ ޓީމެއްގެ ސަޕޯޓަރެއްވެސް ޓިކެޓް ގަތުމަށްފަހު ވޮލެޓްގައި ބޭއްވޭނެ ކާޑެއް މިލިބެނީ. އޭގެއިން އެބަ ރަމްޒުކޮށްދޭ އޭނައަކި ކޮން ކުލަބެއްގެ މެންބަރެއްކަން. ހަގީގަތުގައި ސީޒަން ޓިކެޓަކަށްވުރެ ބޮޑަށް މީތި މިރަމްޒުކޮށްދެނީ މެންބާޝިޕް ކާޑެއް ގޮތަށް،" ބައްސާމު ވިދާޅުވިއެވެ.

ކުރިއަށް އޮތް ސީޒަންތަކުގައި ނެރެވޭ ކާޑުތައް މިއަށްވުރެ ބޮޑަށް ޚާއްސަކުރެވިގެން ދާނެކަމަށާއި އެގޮތުން ނަންވެސް ޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްސާމު ވިދާލުވީ އެޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާއިން ކުލަބުތަކަށް އާންމުދަނީ ލިބިގެންދާނެ ކަމަށާއި ވިއްކާނީތޯ ނުވަތަ ހިލޭ ބަހާނީތޯ އެއީ އެކުލަބަކަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށެވެ.

ކުލަބުތަކަށް ދޫކޮށްފައިވާ ސީޒަން ޓިކެޓްގެ ކާޑުތައް --- ފޮޓޯ/ އެފްއޭއެމް

މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުލަބުތަކަށް ސީޒަން ޓިކެޓް ދޫކޮށްފައިވާއިރު ކުލަބު ޗެއާމަނުންނަށް ޚާއްސަކޮށްގެން ވަނީ ވީއައިޕީ ކާޑްތައްވެސް ދޫކޮށްފައެވެ.

މިގެއިތުތުން ރާއްޖޭއަށް ނިސްބަތްވާ ފީފާގެ ރެފްރީންނަށްވެސް ވަނީ ސީޒަން ޓިކެޓް ހަވަލުކޮށްފައެވެ.

ގޮނޑިބަރިން ކޮންމެ ކުލަބަކަށް 100 ކާޑު ވެސް ވަނީ ދޫކޮށްފައެވެ.

މިރެއަށްފަހު ދަނޑަށް ވަދެވޭނީ ޓިކެޓް ނަގައިގެންނެވެ.