ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުހިމަނައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފައި ވީ ނަމަވެސް އެކަން ރަސްމީކޮށް ސަރުކާރާ ހިއްސާ ކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ރަސްމީ އެއްވެސް ސިފައެއްގައި މަޝްވަރާއާ ގުޅޭ އެއްވެސް ކަމެއްއެމްޑީޕީގެ ފަރާތުން ސަރުކާރަށް އަންގާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ދެންނެވީ އެބޭފުޅުން [އެމްޑީޕީ އިން] ރައީސް ނަޝީދު ބައިވެރިނުކޮށް މަޝްވަރާތައް ކުރިއަށްގެންދަން ރަސްމީކޮށް އަންގާފައި ނުވާ ވާހަކަ. އެބޭފުޅުން އެންގެވީމަ ސަރުކާރުން އެއާ މެދު ގޮތެއް ނިންމަވާނީ ދެއްތޯ،" މުއާޒު ވިދާޅުވި އެވެ.

ސަރުކާރާ އެކު ތިން ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

މަޝްވަރާ ކުރާ ކަންކަން:

  • ގާނޫނު ނިޒާމުގެ ތެރެއިން އެންމެން އެކުގައި މަސައްކަތް ކުރުން.
  • ދުސްތޫރީ ނިޒާމާއި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް އެކުގައި މަސައްކަތް ކުރުން.
  • ގައުމު ތަރައްގީ ކުރުމުގައި ސިޔާސީ ހުރިހާ ފިކުރެއްގެ މީހުން އެއްބާރުލުން ދިނުން.

އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެމްޑީޕީން ސަރުކާރާ އެކު ކުރާ މަޝްވަރާތަކުގައި މައިގަނޑު ތިން ކަރުދާހެއް ހުށަހަޅާނެ ކަމަށެވެ.

އެގޮތުން ހުށަހަޅާ އެއް ކަރުދާހަކީ މަޝްވަރާތަކުގެ ސިފަތައް ބަޔާންކުރާ ކަރުދާހެވެ. އިންޑިއާއިން މެދުވެރިއަކު ކަނޑައެޅުމަކީ އެ ކަރުދާހުގައި ހިމެނޭ ކަމެކެވެ.

ދެވަނަ ކަރުދާހެއްގެ ގޮތުގައި އެމްޑީޕީން ސަރުކާރަށް ހުށަހަޅަނީ އިތުބާރު ހޯދުމުގެ ގޮތުން ކުރާނެ ކަންތައްތަކަކާ ބެހޭ ކަރުދާހެކެވެ. މިހާތަނަށް ބޭއްވި އެއްވުންތަކާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ މީހުން ދޫކޮށްލުމާއި އެކި ގޮތްގޮތުން ބަންދުވެފައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރުމަކީ އެކަރުދާހުގައި ހިމެނޭ ކަންތައްތަކެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަން ކުރުމުގެ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަކީ ވެސް ސަރުކާރަށް އެމްޑީޕީން ހުށަހަޅާނެ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު ނުހިމަނާ އެމްޑީޕީން ސަރުކާރާއެކު މަޝްވަރާ ކުރުމަށްނިންމާފައި ވަނީ ސަރުކާރާ އެކު ޕާޓީތަކުން ކުރާ މަޝްވަރާތަކުގައި އެމްޑީޕީއަށް ލިބިފައިވާ ފުރުސަތަކަށް އޮތް ހުރަހަކަށް ވެވަޑައިގަތުމަށް ބޭނުންފުޅު ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވުމުން ނެވެ.