ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކި ކުރެއްވުމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުން މަސައްކަތް ކުރަމުންދާތީ އެކަމުގައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

"ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ނިހާނު ވިދާޅުވީ ނައިބު ރައީސް ޖަމީލު މަގާމުން ވަކި ކުރެއްވުމުގައި ރައީސް މައުމޫން ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

"އެހެނެއް ނޫން އަޅުގަނޑުމެން ދާދި ފަހުން ގާނޫނު އަސާސީއަށް މި ގެނައި އިސްލާހާ ގުޅޭ ގޮތުން އެމަނިކުފާނުގެ ހިތްޕުޅު ހަމަނުޖެހުނު. އެކަން އަޅުގަނޑުމެންނާ ހިއްސާ ކުރެއްވި. އެހެންނަމަވެސް ޖަމީލު ވަކި ކުރެއްވުމުގެ ކަންތައްގަނޑުގައި އެއްވެސް އެކަހަލަ ކަމެއް ނެތް،" ނިހާނު ވިދާޅުވި އެވެ.

ނައިބު ރައީސް ޖަމީލުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އަދި ވައްދާފައި ނުވާއިރު ނިހާނު ވިދާޅުވީ އެކަމާ މެދެ ދުވަހެއް ކަނޑައަޅާނީ މާދަމާގެ މަޖިލިސް ފެށުމުން ކަމަށެވެ.

ނައިބު ރައީސް ޖަމީލުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ގާރާރެއް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 29 މެމްބަރުން ސޮއި ހިމަނައިގެން ހުށަހަޅަންޖެހޭ ގަރާރެކެވެ.

މިދިޔަ ހުކުރު ދުވަހު ނިހާނު ވިދާޅުވީ ނައިބު ރައީސް ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރާނީ 57 މެމްބަރުންގެ ވޯޓަށް ވުރެ ގިނަ މެމްބަރުންގެ ވޯޓުން ކަަމަށެވެ. ނިހާން ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީގެ މަޖިލިސް މެމްބަރުން ވެސް ޖަމީލުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާ ގަރާރުގައި ސޮއި ކުރާނެ ކަމަށެވެ.