28 Jun 2015, 16:09
ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްފެންވަރަކަށް ދިއުމުގެ ހުނަރާއި ގާބިލްކަން ބާސާގެ ބްރެޒިލް ތަރި ނޭމާގެ ކިބައިގައި ވެސް އެބަ ހުރިކަމަށް އުރުގުއޭގެ ކުރީގެ ފޯވާޑް ޑިއެގޯ ފޯލާން ބުނެފިއެވެ.
ފޯލާން ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ނޭމާ ހޯދާނެކަމަށެވެ.
ބާސެލޯނާއާ އެކު މި ސީޒަންގައި ތިން މުބާރާތް ކާމިޔާބުކޮށްފައިވާ ނޭމާއަށް މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖްގައި ކޮލަމްބިއާ އާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ދެއްކި ރަތްކާޑެއްގެ ސަބަބުން ހަތަރު މެޗަށް ސަސްޕެންޑްވެ މުބާރާތަށް އަލްވަދާއު ކިޔަން ޖެހުމުގެ ސަބަބުން ގައުމީ ޓީމަށް މިފަހަރުވެސް އިތުރަށް ކުރިއަށް ދިއުމަށް އެހީތެރިވެދެވޭ ގޮތެއް އޭނާއަކަށް ނުވިއެވެ.
"ނޭމާއަކީ މިހާރުވެސް ދުނިޔޭގެ އެންމެ މޮޅެތި ސްޓްރައިކަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް، އެންމެ ރީތި ފުޓްބޯޅަ ކުޅޭ ޓީމުގައި ހިމެނޭ. އޭނާ ލަނޑު ޖަހާ، އެހެން ކުޅުންތެރީންނަށް ލަނޑު ޖެހުމަށް އެހީތެރިވެދޭ، ކުޅުންތެރިން ކައިރިން ފަސޭހަކަމާއެކު ބޯޅަ ހިފައިގެން ދޭ، ހަމަ އެހެންމެ އޭނައަށް ބޯޅަ ލިބުމުން ޖާދޫއެއް ފަދައިން ބޯޅަ ގެންގުޅެލަން އެނގޭ،" ނޭމާގެ ކުޅުން ހުރީ ރަނގަޅު މިސްރާބެއްގައި ކަން ފާހަގަކުރަމުން ފޯލާން ބުންޏެވެ.
އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިންގެ ވިލަރެއާލް، އެތުލެޓިކޯ މެޑްރިޑް އަދި އިޓަލީގެ އިންޓަމިލާންގައި ވެސް ހުނަރުވެރި ކުޅުމެއް ދައްކައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފޯލާން ބުނީ، ނޭމާއަށް އެގޮތަށް ކިތަންމެ ވަރަކަށް ވެސް ތައުރީފް ކުރެވިދާނެ ކަމަށާއި އެފަދަ ތައުރީފް ހައްގުވާފަދަ ކުޅުމެއް އޭނާ ދައްކަމުން އަންނަ ކަމަށެވެ.
"ބްރެޒިލްގެ އެހެން ކުޅުންތެރިންނަށް ޔޫރަޕަށް ގޮސް އެހާ ފަސޭހައިން ސެޓްލްއެއް ނުވެވޭ. އެހެން ނަމަވެސް ނޭމާ އެވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔޫރަޕްގެ ފެނަށް ދިރިފައި،" ފޯލާން ބުންޏެވެ.
"ނޭމާއަށް އެނގޭ އޭނާ ކުޅެމުން އެދަނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރީންނާ އެކުގައި ކަން. މެސީގެ ފަރާތުން އޭނާއަށް ބައިވަރު ކަންތައްތަކެއް ދަސްކުރެވޭނެ. ނޭމާ އަދި ހުރީ މެސީއާ ރޮނާލްޑޯއަށް ވުރެ ދަށް ލެވެލްއެއްގައި. އެ ދެކުޅުންތެރީން ދުނިޔޭގެ އެންމެ މޮޅުކުޅުންތެރީންގެ ގޮތުގައި އަދި ދެތިން ހަތަރު އަހަރު ދެމިތިބޭނެ. ހަމައެހެންމެ ނޭމާއަކީ މެސީއަށްވުރެ ފަސް އަހަރު އަދި ރޮނާލްޑޯއަށް ވުރެ ހަތް އަހަރު ހަގު ކުޅުންތެރިއެއް."
ފޯލާން ބުނީ، ނޭމާ ދަނީ މިހާރުވެސް ދުވަހެއް ދުވަހަކަށް ކުޅުމާއި ހުނަރު އިތުރަށް ތަރައްގީ ކުރަމުން ކަމަށާއި އެގޮތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދަން އޭނާ މާކަ ގިނަ އަހަރުތަކެއް ނުނަގާނެ ކަމަށެވެ.
މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެއި ނޭމާއަށް ލިބުނު އަނިޔާއާ ގުޅިގެން އެފަހަރުގެ ސެމީ ފައިނަލްގައި ނޭމާއަށް ނުކުޅެވި 7-1 ގެ ތަފާތު ބޮޑު ނަތީޖާ ޖަރުމަނު އަތުން ބްރެޒިލް ބަލިވެފައިވާ އިރު، ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލްގައި އުރުގުއޭ އަތުން ވެސް ބްރެޒިލް ވަނީ ޕެރަގުއޭ އަތްދަށުގެ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
ފޯލާން ބުނީ، މިހާރު އުމުރުން 23 އަހަރުގެ ނޭމާއަށް އޭނާ ދޭން އޮތް ނަސޭހަތަކީ، އިތުރަށް ކުރިއަށް ދިއުމުގައި އޭނާގެ "ޑިސިޕްލިން" އަށް ވަރަށް ބޮޑަށް ރައްކާތެރިވާން ޖޭހޭކަމުގައެވެ.
"ކޮލަމްބިއާ މެޗުގައި އޭނާގެ ކާމިޔާބީގެ މައްޗަށް އެޅުނު ހުރަހަކީ، ހުނަރުގެ މައްޗަށް ރުޅި އިސްކުރެވުން،" ފޯލާން ބުންޏެވެ. "އެއީ އޭނާ މިހާރު ރަނގަޅުކޮށްލަން ޖެހޭ ހަމައެކަނި ކަމަމީ، މީގެ އަށް އަހަރު ކުރިން ކަކާ ހޯދި ބެލަންޑޯ އެވޯޑަށްފަހު އެ އެ ޝަރަފް ހޯދާ ބްރެޒިލްގެ ފުރަތަމަ ކުޅުންތެރިޔާއަށް ވުމަށް."