ކޮންޓެއިނާ އުފުލަން ބޭނުން ކުރާ ދަގަނޑުގަނޑެއްގެ ދަށުވެ، އެމްޕީއެލް މުވައްޒަފެއްގެ އިނގިލިތައް ޗިސްވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ އިނގިލިތައް ތާށިވީ ކޮންޓެއިނާ ފުއުފުލުމަށް ކެރޭނަށް ނަގާ "ސްޕްރެޑާ" ވެއްޓިގެންނެވެ. އެ ހާދިސާ ހިނގީ އެމްޕީއެލް ސަރަހައްދަށް ބަނދަރުކޮށްފައިވާ ކާގޯ ބޯޓެއްގެތެރޭގަ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއަދު މެންދުރު 11:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެ މުވައްޒަފުގެ ދެ އަތުގެ ހަތަރު އިނގިލި ޗިސްވެފައިވާ ކަމަށެވެ. އިނގިލިތަކަށް ގެއްލުންވުން ފިޔަވައި އިތުރު އަނިޔާއެއް އޭނާއަށް ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި އަނިޔާވި އެމްޕީއެލްގެ މުވައްޒަފަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗުގަ އެވެ.

އިނގިލިތަކަށް ލިބުނު ޒަޚަމްތަކުގެ ސީރިއަސްކަމުން އިތުރު ފަރުވާހޯދުމަށް އެ މުވައްޒަފު މިރޭ 8:30 ގައި ރާއްޖެއިން ބޭރަށް ގެންދަން ވަނީ ނިންމާފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ސަން އަށް ވިދާޅުވީ އިނގިލިތައް ޗިސްވި އެމްޕީއެލްގެ މުވައްޒަފަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑަށް ޗިސްވެފައި ވަނީ އެ ޒުވާނާގެ ވައަތުގެ ދެ އިނގިލި ކަމަށެވެ.