28 Jun 2015, 15:15
މައިލޯ ވެޓަރަންސް ކަޕްގައި މާޒިޔާއާ ސޮކާ ވެޓަރަންސް އެސޯސިއޭޝަން ބައްދަލު ކުރި މެޗް 1-1 ގެ ނަތީޖާއިން އެއްވަރު ވެއްޖެއެވެ.
މައިލޯ ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ވެޓަރަންސް އެސޯސިއޭޝަންގެ ޓީމުން ނެވެ.
އެޓީމަށް ލީޑް ނަގައިދިނީ ކުރިން ވެލެންސިއާއަށް ކުޅުނު ތޮއްޑޫ މުޙައްމަދު ނިޒާމެވެ. އޭނާ މިލަނޑު ކާމިޔަބު ކުރި ފުރަތަމަ ހާފުގެ 24 ވަނަ މިނެޓްގައެވެ.
ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނެޓް ތެރޭގައި މާޒިޔާ އެއްވަރު ކުރި ލަނޑު ކާމިޔަބުކޮށްދިނީ ޢަބްދުﷲ ޝާހިދެވެ.
އިއްޔެގެ މެޗްގައި ރައްޔިތުންގެ މަޖިލީޯހުގެ މާފަންނު ހުޅަނގުދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޢަބްދުރަހީމް ވަނީ މާޒިޔާއަށް ކުޅުއްވާފައެވެ.
މިމުބާރާތުގައި މިއަދު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ބީޖީއާ ވެލެންސިއާއެވެ. މިމެޗްވެސް އޮންނާނީ ކުޅިވަރު އެކުވެނީގެ މައިލޯ ޓާފު ދަނޑުގައެވެ.