މިދުވަސްވަރު އާދަޔާ ޚިލާފަށް ޑެންގީހުން ފެތުރެމުންދާތީ މާލޭގައި މަދިރި ކޮންޓްރޯލްކުރުމަށް ހައުސިން މިނިސްޓްރީން މާލެތެރެ ފޮގްކުރުމުގެ މަސައްކަތް މިއަދު ފަށާފައި ވަނިކޮށް މާލޭ ސިޓީ ކައުންސިލްގައި ފޮގް މެޝިން ނެތްކަމަށް ބުނެ އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވޭސްޓް މެނޭޖްމަންޓް ސެކްޝަން އޮފީހުގައި މިއަދު މާލޭ ސިޓީކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ ފޮގު މެޝިންތައް ހައުސިން މިނިސްޓުރީން ގެންގޮސްފައި ވާތީ މަދިރި މަދުކުރުމުގެ ގޮތުން މާލެ ތެރެއަށް ފޮގު ނުޖެހޭތީ އެ ކައުންސިލުން ކަންބޮޑުވާ ކަމަށެވެ.

ފޮގު މެޝިންތައް ސިޓީ ކައުންސިލާ ހަވާލު ކޮށްދިނުމަށް އެދި މިދިޔަ މާޗު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީ އަށް ސިޓީ އަކުން އަންގާފައިވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ފޮގް މެޝިންތައް ހައުސިން މިނިސްޓްރީ އަށް ގެންދިޔައީ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓް ޑިޕާޓްމަންޓް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި ހުރި ފޮގު މެޝިންތައް ދެއްވުމަށް ހައުސިން މިނިސްޓުރީގައި ދަންނަވާފައި ވާނީ. ދެން އަޅުގަނޑުމެންގެ ސިޓީއަށް ޖަވާބު ނުދެއްވާތީ ވަރަށް ކަންބޮޑުވޭ. މިދިޔަ މާޗު މަހުގެ ފަސް ވަނަ ދުވަހު އަޅުގަނޑުމެން ހައުސިން މިނިސްޓްރީއަށް ސިޓީއެއް ހުށަހެޅިން. އެހެންވީމަ އެ މެޝިންތައް އަޅުގަނޑުމެންނަށް ނުލިބޭތީ އާންމުކޮށް އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތް ވަނީ ކުރެވޭ ގޮތް ނުވެފައި،" ޝިހާބު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ސިއްޙީ ދާއިރާގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް މިއަހަރަކީ ޑެންގީ ބަލި ފެތުރިގެން ދާނެ އަހަރެއް ކަމަށް އަންގާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެންމެ ފަރާތެއްގެ ވެސް ފުރާނަ ސަލާމަތް ކުރެވެން އޮތް ކަމަށް ވަނީ ނަމަ އެ މަސައްކަތް ކުރުމަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

"ދެން އަޅުގަނޑުމެން ހުރިހާ ފަރާތެއްގެ ސަމާލުކަމަށް މިކަން ގެންނަން މިހާރު މި ބޭނުންވީ އަދިވެސް މިއޮތް ވަގުތުކޮޅުގެ ތެރޭގައި އެބަޖެހޭ މިކަންތައް ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން،" ޝިފާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް މާލޭގެ 14،720 ތަނެއް އެ ކައުންސިލުން ވަނީ މަދިރި ފަނި އާލާ ވޭތޯ ބަލައި ފާސްކޮށްފައެވެ. އެގޮތުން 742 ތަނަކުން މަދިރި ފަނި ފެނިފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި 3365 ތަނެއް އިސްލާހްކުރުމަށް އަންގާފައިވާނޭ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

މާލެތެރޭގައި މަދިރި ކޮންޓްރޯލްކުރުމަށް ފޮގުމެޝިން ނެތްވާހަކަ ސިޓީކައުންސިލުން މިއަދު ފަށާފައި މިވަނީ، ހެލްތު މިނިސްޓްރީއާއި ހައުސިން މިނިސްޓްރީން މިވާހަކަތައް ދައްކައި، ހައުސިން މިނިސްޓްރީން މިއަދު އަމަލީ މަސައްކަތް ފަށާފައި ވަނިކޮށެވެ.