ޑީއާރުޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުންތަކަކީ ޕާޓީގެ ޒައީމު އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަރިސްބޭފުޅުން ކޮޅެއްގެ ހިޔާލުތަފާތުވުމުގެ ސަބަބުން އުފެދިފައިވާ ބައިބައިވުމެއް ކަމަށް ވިދާޅުވެ، ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ވީޓީވީގެ ބޮޑު ފެންޑާ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅަށް މައުމޫންގެ އާއިލާ އިން ރައްދުދެއްވައިފި އެވެ.

ދިޓީވީ މެދުވެރިކުރައްވައި ޑީއާރުޕީގެ މެންބަރުންނާ މުހާތަބުކުރައްވަމުން މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫން މިރޭ ވިދާޅުވީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިގެން އުޅެނީ ޕާޓިގެ ލީޑަރު އަހުމަދު ތަސްމީން ކަންތައްކުރައްވަމުން ގެންދަވާ ގޮތުން ކަމަށެވެ. ޔުމްނާ ވިދާޅުވީ ތަސްމީނަށް ޕާޓީގެ ލީޑަޝިޕަށް އިސްވި ފަހުން ޕާޓީގެ ކަންތައްތައް ހިނގަމުން ދަނީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފަށް ކަމަށާއި ތަސްމީން ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ވެސް ހުދުމުހުތާރު ގޮތަކަށް ކަމަށެވެ.
Listen!

"ޕާޓީގެ ލީޑަރު ކަންތައްތައް ކުރައްވަމުން ގެންދަވަނީ އެއްވެސް މަޝްވަރާ ކުރެއްވުމެއް ނެތި ވަރަށް ހުދުމުހުތާރު ގޮތެއްގައި. މިކަމަކީ ޑީއާރުޕީގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން. މިއީ މުޅި ދުނިޔެ ގަބޫލު ކުރާ ޑިމޮކްރެޓިކް އުސޫލުތަކާ މުޅިން ހިލާފު ގޮތެް،" ޔުމްނާ ވިދާޅުވި އެވެ.

ޑީއާރުޕީއަކީ އެންމެ ބޮޑު އިދިކޮޅު ޕާޓިއަށް ވާއިރު ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އަމަލުކުރައްވާ ގޮތުން އިދިކޮޅު ޕާޓީއެއްގެ މަސައްކަތް އެއްގޮތަކަށް ވެސް ނުފެންނަ ކަން ފާހަގަ ކުރައްވަމުން ޔުމްނާ ވިދާޅުވީ "ޑީއާރުޕީއަކީ މިއަދު އިދިކޮޅު ޕާޓީއެއް ނޫން އެއްކޮޅު ޕާޓީ" އެއް ކަމަށެވެ.

ޔުމްނާ ވިދާޅުވީ ތަސްމީން އަލީ ރައީސް މައުމޫނާ މެދު ކަންތައްކުރައްވަމުން ގެންދަވަނީ ވަރަށް ދެރަވަރު ގޮތަކަށް ކަމަށާއި އެކަމުގެ ސަބަބުން ތަސްމީންގެ ލީޑާޝިޕާ މެދު ޑީއާރުޕީގެ މެންބަރުން ހިތްހަމަނުޖެހިފައިވާ ކަމަށެވެ.

"ޕާޓީގެ ޒައާމަތު ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވެފައި ވަނީ ޕާޓީގެ ޒައީމް ސިޔާސީ މައިދާނުން އެއްފަރާތް ވިޔަސް ޒައީމްގެ ދުރުވިސްނުމާއި ހިޔާލާ އެކު ނޫނީ ޕާޓީގެ ކަންތައްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް. ނަމަވެސް އެއްވެސް ކަމަކާ ޒައީމް އާ އެކު މަޝްވަރާކުރައްވާފައެއް ނުވޭ. އަދި މަޝްވަރާއެއް ދެއްވި ނަމަވެސް އެކަމެއް ބަލައެއް ނުގަންނަވާ،" ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ތިއްބެވީ ޕާޓީގެ ބައިބައިވުން އިތުރަށް ބޮޑުވެދާނެތީ އެ ވާހަކަ އިތުރަށް ނުދެއްކުމަށް ނިންމައިގެން ކަމަށާއި އެކަމަކު ރައީސް މައުމޫނާއި އާއިލާ ބަދުނާމުވާ ގޮތަށް ކަންތައްތަކެއް ކުރާތީ އެކަން ޕާޓީގެ މެންބަރުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ.