28 Jun 2015, 15:10
ބެއިޖިން (ޖޫން 28): ޗައިނާއިން އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރަމުން ގެންދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށާ ޗައިނާގެ އަމާޒަކީ އަސްކަރީ ޓެކްނޮލޮޖީގައި އެމެރިކާ ފަހަތަށް ޖައްސާލުން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.
ޗައިނާ އާއި އެމެރިކާގެ ކުންފުނިތައް ގުޅިގެން ބާއްވާ އަސްކަރީ އަދި ފަޒާއާބެހޭ ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ ދިރާސާތަކާބެހޭ ފަންނީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބު ރޮބަޓް ވޯކް ވިދާޅުވީ ރާޑަރަށް ނާރާ ޓެކްނޮލޮޖީގެ މަތިން ދާ ބޯޓުތަކާއި ޖާސޫސީ ޑްރޯން ބޯޓުތަކާ އަދި ރޮކެޓް އުފެއްދުމުގެ ސިނާއަތުގައި އެމެރިކާ އާއި ޗައިނާއާ ދެމެދުގައިވާ "ގެޕް" ވަރަށް ހަލުއިމިނެއްގައި ޗައިނާ ބައްދަމުންދާކަމުގަ އެވެ. ރޮބަޓް ވޯކް ވިދާޅުވީ އިލެކްޓްރޯނިކް ހަނގުރާމައިގެ ޓެކްނޮލޮޖީ ޗައިނާ ތަރައްގީ ކުރަމުން ގެންދަނީ އެމެރިކާ ކަންބޮޑުވާ މިންވަރަކަށްކަމަށާއި އެ ކަމާބެހޭ ރީސާޗްތަކަށް ކުރަ ޚަރަދުތައް ޗައިނާއިން ހާމަނުކުރުމަކީ ބޮޑު މައްސަލައެއް ކަމުގައެވެ.
އެ ބައްދަލުވުން ކުރިޔަށް ދަނީ އެމެރިކާ އާއި ޗައިނާއާ ދެމެދު ކޮންމެ އަހަރަކު ވެސް ބާއްވާ އިގްތިސާދީ އަދި ސްޓްރެޓީޖިކް ޑައިލޮގް ގެ މަޝްވަރާތަކަށްފަހު އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ އެމެރިކާ އާއި ޗައިނާގެ އިގްތިސާދީ އަދި ސްޓްރެޓީޖިކް ޑައިލޮގް ގެ އަމާޒަކީ އަސްކަރީ އަދި ސްޓްރެޓީޖް ކަންތައްތަކުގައި ދެ ގައުމުގެ ދެމެދުގައި އިތުބާރާއި ޔަގީންކަން ގާއިމް ކުރުމެވެ. މި ޑައިލޮގްގައި އެމެރިކާ އެންމެ ބޮޑަށް މައްސަލަ ޖައްސާފައި ވަނީ ޗައިނާއިން އަސްކަރީ ކަންކަމަށް ކުރާ ޚަރަދުތައް ފުރިހަމައަށް ހާމަނުކުރާ ނުކުރާ ކަމަށް އެމެރިކާ ދެކޭ މައްސަލާގަ އެވެ. ޗައިނާގެ އަސްކަރީ ބަޖެޓަކީ ގާތްގަނޑަކަށް އަހަރަކު 80 ބިލިޔަން އެމެރިކާ ޑޮލަރު ކަމަށް ޗައިނާ ބުނި ނަމަވެސް މިއަދަދު އެ އަށްވުރެ ތިން ގުނަ ނޫނީ ހަތަރު ގުނަ އިތުރުވާނެ ކަމަށް އެމެރިކާ އަންދާޒާ ކުރެއެވެ.
ރާޑަރަށް ނާރާ ޓެކްނޮލޮޖީގެ މަތިންދާ ބޯޓުތަކާއި ޖާސޫސީ ޑްރޯން ބޯޓުތަކާ އަދި ރޮކެޓް އުފެއްދުމުގެ ސިނާއަތާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ޗައިނާ ކުރަމުން ގެންދާ މަސައްކަތްތަކަކީ ޗައިނާ އިޢްލާން ކޮށްފައިވާ އަސްކަރީ ބަޖެޓަށްވުރެ އެތައް ގުނަ ބޮޑު ބަޖެޓަކުން ނޫނީ ކުރެވޭނެ މަސައްކަތްތަކެއް ނޫން ކަމަށް އެމެރިކާ ދެކެއެވެ. (ނޫސްއެޖެންސީތައް)