28 Jun 2015, 14:19
އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫގެ ތަފްސީލީ ދިރާސާގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ސަން އަށް ވިދާޅުވީ، ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) އާއި ހަވާލުކޮށްފައިވާ އެމަޝްރޫގެ ދަށުން އެގުރޫޕުގެ ހަތް ސުޕެސިއަލިސްޓު ޓީމަކުން އެމަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
"އެމީހުން މިއަދު ރަސްމީކޮށް މަސައްކަތް އެފެށީ އައިހެވަންގެ ހުރިހާ ޑީޓެއިލް ސުޓަޑީތަކެއް ހެދުމަށް، ޑީޓެލް ސުޓަޑީއޭ މިދެއްނެވީ އެކޮންސެޕްޓް އެއްކޮށް ގެނައުމަށް ބޭނުންވާ ހުރިހާ ޑީޓެއިލްސްތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތް އެފެށީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އެ ޓީމުން އެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަފްސީލީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ތެރޭ ނިންމާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބީސީޖީގެ ޓީމުން ދިރާސާ ކުރާކަންކަން:
*އައިހެވަން ސަރަހައްދުގެ ވިޔަފާރީގެ މޫވްމެންޓް އޮތް މިންވަރު
*ޓުރާންސްޝިޕްމެންޓުގެ ޓުރެފިކް އޮތް މިންވަރު
*ބަންކަރިންނާއި ބޯޓްފަހަރަށް ހިދުމަތް ދިނުމަށް ފުރުސަތު އޮތް މިންވަރު
*ޓޫރިޒަމާއި ރިއަލްއެސްޓޭޓާއި ކުރޫޒްލައިންގެ މަސައްކަތް ފަދަ ކަންކަމުގެ ފުރުސަތު އޮތް މިންވަރު
*ފައިނޭޝަލް ފީޒިބިލިޓީ އާއި ޓެކްނިކަލް ފީޒިބިލިޓީ އެއްކޮށް ހެދުން
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެއް ހިންގާނީ އިހަވަންދިއްޕޮޅުގައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އައިހެވަން މަޝްރޫއުގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމެވެ.