ފުލުހުންގެ ހިދުމަތް ގާއިމްވެފައި ނެތް ބައެއް ރަށްރަށުގައި ރަމަޟާން މަހު ވަގުތީ ގޮތުން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ރަމަޟާން މަހާ ދިމާކޮށް ފުލުހުން ބައިތިއްބަމުން އަންނަ ރަށްތަކަކީ ފުލުހުން ތިބުމުގެ މުހިއްމުކަން ބޮޑު ކަމަށް ފެންނަ ރަށްރަށެވެ.

ފުލުހުން ބުނީ އެ ބަދަލަކީ ރަމްޟާން މަހަކީ ރައްޔިތުންނަށް ރައްކާތެރިކަމާ ހިތްހަމަޖެހުން ލިބިދޭ މައްސަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ގެނައި ބަދަލެއް ކަމަށެވެ. އެގޮތުން ފުލުހުން ތިބޭނެ ރަށްރަށް ކަނޑައެޅުމުގައި ޖިއޮގްރަފީ ގޮތުން ރަށް އޮންނަ ސަރަހައްދާ ރަށުގެ އާބާދީ އަދި ކުށުގެ ނިސްބަތަށް ބަލާފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދާއިމީ ގޮތެއްގައި ނެތް ރަށްރަށުގައި ރަމަޟާންމަހު ފުލުހުން ބޭއްތިބުމުގެ މަސައްކަތް ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުން ފަށާފައިވާއިރު މިހާރު ވަނީ ހއ. އުލިގަމާއި، ނ. ކެނދިކުޅުދޫ އާއި، ރ. މަޑުއްވަރީގެ އިތުރުން ލ. މާބައިދޫ ގައި ވަގުތީ ގޮތުން ފުލުހުން ބައިތިއްބައި ފުލުހުންގެ ޚިދުމަތް އެ ރަށްރަށުގައި ދޭން ފަށާފަ އެވެ.

ފުލުހުން ބުނީ ވަގުތީ ގޮތުން ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެ ރަށްރަށުގެ ރަށު ކައުންސިލާއި އެ ރަށެއް ހިމެނޭ ޑިވިޝަން ކޮމާންޑަރުގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން ފުލުހުން އެ ރަށްރަށުގައި ތިބުމުގެ އިންތިޒާމު ހަމަޖައްސައި ދެއްވަނީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.

ފުލުހުންގެ ހިދުމަތް ރަމަޟާން މަހު ވަގުތީ ގޮތުން ބައެއް ރަށްރަށުގައި ފަށާފައިވާއިރު، ހަފްތާ ބަންދާ ދިމާކޮށް އަދި ރަސްމީ ދުވަސްތަކުގައި ވެސް، ފުލުހުންގެ ހިދުމަތް ގާއިމް ވެފައި ނެތް ރަށްރަށަށް ފުލުހުން ގޮސް އެރަށްރަށުގައި ރައްކާތެރިކަން ދަމަހައްޓައި ކުށުގެ ނިސްބަތް މަދުކޮށް ރައްޔިތުންގެ ހޭލުންތެރި ކަމަށް ހިންގަންޖެހޭ އޮޕަރޭޝަންތަކާ ހަރަކާތްތައް ހިންގާނެ ކަމުގައި ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުން ވަނީ ބުނެފަ އެވެ.