28 Jun 2015, 14:16
ޓައިވާނުގެ ޕާކެއްގައި ބޭއްވި ޕާޓީއެއްގައި މިއުޒިކް ކުޅެމުން ދިޔަ ސްޓޭޖެއްގެ މައްޗަށް ބުރުވައިލި ކުލަތަކެއްގައި ކުއްލި އަކަށް ރޯވެގެން އުފެދުނު ގޮވުމެއްގައި 500 އަށް ވުރެ ގިނަ މީހުން އެކި ވަރަށް ފިހިއްޖެ އެވެ.

ޓައިވާނުގެ އަލިފާން ނިއްވާ އެޖެންސީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ބުރުވައިލި ކުލަތަކުގައި ރޯވި ހާދިސާ ހިނގީ "ކަލަ ޕްލޭ އޭޝިއާ" ގެ ނަމުގައި ބޭއްވި ހަރަކާތެއްގައި 1000 މީހުންގެ ކުރިމަތީގައި ކަމަށެވެ. ހާދިސާގައި ފުރަތަމަ ހުޅުހިފީ ބިންމަތިން ކަމަށާއި އެހެންވެ، ގިނަ މީހުންގެ ފިހިފައި ވަނީ ހަށިގަނޑުގެ ތިރީ ބައިތައް ކަމަށް ވެސް އޭޕީގެ ހަބަރުގައިވެ އެވެ.
ފޯމޯސާ ވޯޓާ ޕާކް ނަމަކަށް ކިޔާ ތަނުގައި ހިނގި އެހާދިސާއާ ގުޅިގެން، ޓައިވާންގެ ބޮޑު ވަޒީރު ވަނީ އަލިފާން ރޯވާ ފަދަ ކުލަ އެގައުމުގައި ބޭނުންކުރުން މަނާކުރައްވާފަ އެވެ.

ހާދިސާގައި ޒަހަމްވީ މީހުންގެ އަދަދު މިހާރު ވަނީ 516 އަށް އަރާފަ އެވެ. އަދި އޭގެ ތެރެއިން އަށް މީހަކު ވަނީ ފުރާނައަށް ނުރައްކާވާ މިންވަރަކަށް ޒަހަމްވެފަ އެވެ.