28 Jun 2015, 14:06
ފެލިވަރު މަސް ބަންދުން ކުރާ ފެކްޓްރީގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ ސަރުކާރުގެ މަސްކުންފުނި މިފްކޯގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވަމުންގެންދަވާ ކަަމަށެވެ.
ސަރުކާރުގެ ތިން މަސްކުންފުނި ކަމަށްވާ ކޫއްޑޫ ފިޝަަރީޒް އާއި ފެލިވަރު އަދި މިފްކޯ މި ސަރުކާރުން ވަނީ އެއްކޮށްލާފައެވެ. އެ ހުރިހާ ކުންފުންޏެއް ވެސް މިހާރު ހިނގަމުން ދަނީ މިފްކޯގެ ދަށުން ނެވެ.
ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަަމަށް މިފްކޯ އިން ބުނެފައިވާ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.
އަދި ސަރުކާރުން މަސައްކަތް ކުރަނީ އައިސް މަސް ބޭރުކުރުމުގެ ބަދަލުގައި މަހުން ތަފާތު ޕްރޮޑެކްޓަށް އުފެއްދުމަށް ފަހު އެކްސްޕޯޓްކުރަން ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ވެލިއު އެޑް ކުރުމުން ކުޑަ މަސްކޮޅަކުން ލިބޭ އާމްދަނީ އިތުރުވެގެންދޭ ފިޝް ސްޓޭކް ގޮތުގައި ބޭރުކުރުމުން އޭގެ އަގު މައްޗަށް އެބަދޭ" ޝައިނީ ވިދާޅުވި އެވެ. އަދި ކަނޑާފަ އެއްލާލާ މަސްކޮޅުން ވެސް ފިޝްމީލް ހެދޭނެ ކަމަށާއި އެހެން ކަމުން ޖުމްލަ ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަަމަށެވެ.
ސަރުކާރުން މިހާރު ކަނޑައަޅާފައި ވަނީ ސަރުކާރުގެ ކޮންމެ ކުންފުންޏަކަށް ވެސް "ސުޕަ ސީއީއޯ" އެއް ހުންނަ ގޮތަށެވެ. ސުޕަ ސީއީއޯ ގެ ބޭނުމަކީ ސަރުކާރާއި ކުންފުންޏާއި ދެމެދު ކުރާ މުއާމަލާތްތައް އަވަސްކޮށްދީ ޕޮލިސީ ކަނޑައެޅުމެވެ. އެގޮތުން މިފްކޯ އަށް ކަނޑައަޅާފައިވާ ސުޕަ ސީއީއޯ އަކީ ޑރ. ޝައިނީ އެވެ.