ރޯދައަށް ޚާއްސަކޮށްގެން އެސްޓީއޯއިން ވިއްކަމުން އައި ބިސް، ހޯލްސޭލް ކުރުން ވަގުތީ ގޮތުން ހުއްޓާލައި މީހަކަށް ޓުރޭއެއްގެ ރޭތުން ބިސްވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ ސުޕަމާޓުގެ ހެޑް ފާތިމަތު އާޝާން "ސަން" އަށް ވިދާޅުވީ، މިއަދު ބިސް ހޯލްސޭލް ކުރުން ހުއްޓާލީ ސުޓޮކް މަދުވުމުން ކަމަށެވެ. ބިސް ކޭސް ވިއްކުން ހުއްޓާލި ނަމަވެސް ވަކިވަކި މީހުންނަށް 1.50 ރުފިޔާއަށް ބިހެއްގެ ރޭޓުން ބިސް ޓުރޭއެއް ވިއްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުޑަކޮށް މަޑުޖައްސާލައިގެން މިއުޅެނީ އެކަމަކު ޓުރޭއިން އަޅުގަނޑުމެން ދޫކުރަން ސުޕަމާކެޓުން،" އާޝާން ވިދާޅުވި އެވެ.

އާންމުންނަށް ބިސް ހޯލްސޭލް ކުރުން ހުއްޓާލި ނަމަވެސް އެސްޓީއޯއިން ދަނީ އެކުންފުނީގެ ޕާޓްނާޝިޕް ފިހާރަތަކަށް ބިސް ހޯލްސޭލް ކުރަމުންނެވެ. އެސްޓީއޯއިން ބިސްކޭހެއް ވިއްކަމުން ދިޔައީ 270 ރުފިޔާއަށެވެ.

އާޝާން ވިދާޅުވީ ވަރަށް އަވަހަށް ބިސް ސުޓޮކެއް ރާއްޖެ ގެނެވޭނެ ކަމަށާއި އެއާއެކު އަނެއްކާވެސް ބިސް ހޯލްސޭލް ކުރަން ފެށޭނެ ކަމަށެވެ.

އެސްޓީއޯއިން ރޯދަޔަށް ޚާއްސަކޮށް މެދުކެނޑުމެއްނެތި ފިޔާ އާއި އަލުވި ހޯލްސޭލްކޮށް ވިއްކަމުން ދެއެވެ. އަލުވި ބަސްތާއެއް 118 ރުފިޔާއަށް ވިއްކާއިރު ފިޔާ ބަސްތާއެއް ވިއްކަނީ 220 ރުފިޔާއަށެވެ.