28 Jun 2015, 13:34
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރަށް ނައިބު ރައީސް ޖަވާބު ދާރީ ވުމަށް ގާނޫނު އަސާސީގައި ފުރުސަތު ދީފައިވަނިކޮށް، ނައިބު ރައީސް މަޖިލީހަށް ޖަވާބުދާރީވާން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ކޮމެޓީން ނިންމައިފި އެވެ.
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ އެފަދަ މައްސަލައަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން 14 ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގަންވާނެ ކަމަށެވެ.
އެ ގަރާރުގެ ބަހުސްގެ މަރުހަލާގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާނެ ކަމަށް ވެސް ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އަދި ގާނޫނީ ވަކީލަކު ބޭނުން ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 172 ވަނަ މާއްދާއަށް އާންމު ކޮމިޓީން ރޭ ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާ ކަމަށްވާ ނަމަ އެ ބަހުސް އޮންނަ ދުވަހު މަޖިލީހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާޒިރު ނުވި ނަމަވެސް ބަހުސް ކުރިއަށް ގެންގޮސް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިންމަންވާނެ ކަމަށެވެ.
ގަވާއިދަށް ގެނެސްފައިވާ އިތުރު އިސްލާހެއްގައި ބުނެފައި ވަނީ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން 14 ދުވަސް ކުރިން ނައިބު ރައީސަށް އަންގަންވާނެ ކަމަށެވެ. އެފަދަ އެންގުމެއް ނައިބު ރައީސްގެ ރަސްމީ އޮފީހަށް ރައްދުވުމުން އެ އެންގުން ނައިބު ރައީސަށް ރައްދުވީ ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި 14 ދުވަސް ގުނާއިރު ބަންދު ދުވަސްތައް ވެސް އޭގައި ހިމެނޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހުތައް ގެނެސްދެއްވުމަށް އާންމު ކޮމިޓީއަށް ހުށަހެޅީ ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމު ޝުޖާއު އެވެ. އެ އިސްލާހުތައް ކޮމިޓީން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަޙަޅާ ނަމަ އެ މައްސަލައެއް މަޖިލީހުން ބަލައިގަތުމަށްފަހު 11 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އިސްލާހުގައި އެފަދަ ގޮތަކަށް ބަޔާންކޮށްފައެއް ނުވެ އެވެ.
ޖަވާބު ދާރީވާން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކޮށްފައިވާއިރު މި ސަރުކާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ނިންމާފައި އެވެ.
ގާނޫނު އަސާސީގައި 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ގާރާރެއް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 29 މެމްބަރުން ސޮއި ހިމަނައިގެން ހުށަހަޅަންޖެހޭ ގަރާރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ.