28 Jun 2015, 11:59
މަދިރިން އުފެދޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޑެންގީހުން ރާއްޖޭގައި ހަލުވިކަމާއެކު ފެތުރޭތީ އެ ބަލި ކޮންޓްރޯލް ކުރުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ފަށައިފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މުއައްސަސާތަކުގެ މަތީ ފެންވަރުގެ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ދުންޖެހުމުގެ މަސައްކަތް މިއަދުން ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
"...ރޯދަ މަހުގެ ކުރީގައި މާލެ އާއި އެހެން އަތޮޅުތަކުގައި ވަނީ ފޮގް ކޮށްފައި. ދެން މިކަމުން ހަމަ އެ ވަގުތުގައި މަދިރި މަރައި ކޮންޓްރޯލް ކުރެވުނު. އޭގެ އިތުރުން މިހާރު ދެ ވަނަ ރައުންޑަށް ދާން ޖެހިގެން މިއަދުން ފަށައިގެން އަނެއްކާވެސް މާލޭގަޔާއި އިފެކްޓެޑް އެޓޯލްސްގައި ހަމަ ފޮގް ކުރުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުންޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީ އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މަދިރި އުފެދޭ ތަންތަން ނައްތައިލުމަށް މީހުން ހޭލުންތެރިކުރުން މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ގިނައިން އެބަ ހުރި ކަމަށެވެ. ޑެންގޫ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމުގައި ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"... އިރާދަކުރެއްވިއްޔާ ސަރުކާރުން މިކަމަށް އެޑްރެސް ކުރުމުގައި ސަރުކާރުގެ އެންމެ މަތީ ލެވެލްގައި ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ،" އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި މި ފަހަރު ޑެންގީ ހުން ފެތުރެން ފެށި ފަހުން އެ ބަލި ޖެހިގެން ރިޕޯޓްކޮށްފައި ވަނީ ޖުމްލަ 354 މައްސަލައެވެ. އަދި އެ ބަލީގައި ދެ މީހަކު މަރުވެފައިވެ އެވެ.