ޖެނީވާ (ޖޫން 28) : އީރާނުގެ ނިއުކްލިއާ މައްސަލާގައި ދާއިމީ އެއްބަސްވުމަކަށް އައުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމަށް އެންމެ ތިން ދުވަހަށް ވެފައިވާއިރު ސުންގަޑީގެ މުއްދަތުގައި ދާއިމީ އެއްބަސްވުމެއް ވުޖޫދަށް އާދެވިދާނެތޯ ނުވަތަ ނޫންތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ސުންގަނޑީގެ ކުރިން ވާހަކަތައް ކޮޅެއްގައި ޖެއްސުމަށް އެމެރިކާ އާއި އީރާނާ އަދި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން ގެންދަވަނީ ޖެނީވާއަށް ވަޑައިގެން ބައްދަލުވުންތައް ބާއްވަވަމުންނެވެ. ނަމަވެސް އީރާނާއި ބޮޑެތި ބާރުތަކާދެމެދު ޙައްލުނުކުރެވޭ އެތައް މައްސަލަތަކެއް އެބަހުރި ކަމަށް ޚަބަރުތައް ބުނެ އެވެ. މި މައްސަލަތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިޔާ ރީސާޗްތައް ވަކި މިންވަރެއްގައި ހިފެހެއްޓުމަށް އީރާން ދެކޮޅުހަދާ މައްސަލައާއި އީރާނުގެ އަސްކަރީ ބައެއް މަރުކަޒުތައްވެސް ބޭނުންވެއްޖެ ޙާލަތެއްގައި ބަލައި ފާސްކުރުމުގެ ހުއްދަ އދ. ގެ އިނިސްޕެކްޓަރުންނަށް ދިނުމުގެ މައްސަލައާ އީރާނުން އެއްބަސްވުމާ ޚިލާފަށް އަމަލުކޮށްފި ޙާލަތެއްގައި ކަންތައްކުރަންޖެހޭ ގޮތާމެދު ޚިޔާލުތަފާތުވުން ހިމެނެއެވެ.

މީގެއިތުރުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ މަރްޙަލާތައް ކަނޑައެޅުމުގައި ވެސް އީރާނާއި ބޮޑެތި ބާރުތަކުގެ ޚިޔާލްތައް އަދިވެސް އެއްގޮތް ނުކުރެވޭ ކަމަށްވެއެވެ.

އީރާނުގެ ނިއުކްލިޔަރ ވާހަކަތަކުން އީރާނަށް ލިބުނު ކާމިޔާބީތަކުގެ ތެރޭގައި ވަކިވަރަކަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރުސަތު އެގައުމަށް ދިނުމަށާއި މަދަނީ ނިއުކްލިޔަރ ބާރެއްގެ ގޮތުގައި އީރާން ބަލައިގަތުމަށް ބޮޑެތި ބާރުތައް އެއްބަސްވުން ހިމެނެއެވެ.

ޖެނީވާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުން ސުންގަޑިއަށްވުރެ މުއްދަތު ދިގުކޮށްގެން ވެސް ނިއުކްލިޔަރ ވާހަކަތަކުން ނަތީޖާއެއް ނެރުމަށް އީރާނާއި ބޮޑެތި ބާރުތައް ބޭނުންވެ އެވެ. އެހެންކަމުން ވާހަކަތައް ކޮޅެއްގައި ޖައްސައި ދާއިމީ އެއްބަސްވުމަކާ ހަމައަށް އައުމަށްޓަކައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް ބޮޑެތި ދޫތަކެއް ދޭނެ ކަމަށް ބެލެވޭކަމަށް ޑިޕްލޮމޭޓުން ލަފާކުރައްވަ އެވެ. (އަލްޖަޒީރާ)