28 Jun 2015, 12:15
"ގުޅީފަޅު އިންވެސްޓްމަންޓް ގުރުއާން މުބާރާތް 1436"ގެ ނަމުގައި ދިވެހި ކުދިންނަށް ހާއްސަކޮށްގެން ސްރީލަންކާގައި ގުރުއާން މުބާރާތެއް ބާއްވައިފި އެވެ.
ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނީ އެ ގައުމުގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި މި މަހުގެ 20 އިން 21 އަށް ބޭއްވި ގުރުއާން މުބާރާތުގައި 106 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ތުއްތު ކުދިންގެ ބައިގައި 42 ދަރިވަރަކު ބައިވެރިވެފައިވާ އިރު، ބަލައިގެން ކިޔެވުމުގެ ގޮފިން 28 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފިން 38 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވެފައިވާ އުމުރުފުރާތަކަކީ ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ އުމުރުފުރާ އާއި ހަ އަހަރާއި އަށް އަހަރާ ދެމެދުގެ އުމުރުފުރާ އާއި ނުވަ އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ. އަދި 12 އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނެވެ.

ދިވެހި ކުދިންނަށް ހާއްސަކޮށްގެން ސްރީލަންކާގައި ބޭއްވި ގުރުއާން މުބާރާތުގައި އިނާމް ދިނުން:ފޮޓޯ- ދިވެހި ހައިކޮމިޝަން
ހޮނިހިރު ދުވަހު ބޭއްވި އެ މުބާރާތުގެ އިނާމުދިނުމުގެ ހަފްލާގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ރިފާއު އެވެ. އެ ރަސްމިއްޔާތުގައި ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
އެ މުބާރާތުގައި ހަ އަހަރާއި އަށް އަހަރާ ދެމެދުގެ އުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ މަރިޔަމް މިސްކު މުރުތަލާ ހޯދި އިރު، ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައި ވަނީ ލައިޝާ އަހުމަދެވެ. އަދި ނުވަ އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އައިޝަތު ދީމް އަބުދުﷲ ހޯދި އިރު، އެ އުމުރުފުރައިން ނުބަލާ ކިޔެވުމުގެ ގޮފިން އެއް ވަނަ ހޯދީ ޒުހާ ރަޝީދެވެ. މީގެ އިތުރުން 12 އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އައިމިނަތު ނޫރާ އަބުދުލްހަކީމް ހޯދި އިރު، އެ އުމުރުފުރައިން ނުބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ ފާތުމަތު ފައުޒާ ފަހީމެވެ. އަދި މުޅި މުބާރާތުން ދެ ގޮފި އެއްކޮށް އެއްވަނަ ހޯދާފައި ވަނީ ވެސް ފާތުމަތު ފައުޒާ ފަހީމެވެ.

ދިވެހި ކުދިންނަށް ހާއްސަކޮށްގެން ސްރީލަންކާގައި ބޭއްވި ގުރުއާން މުބާރާތުގައި އިނާމް ދިނުން:ފޮޓޯ- ދިވެހި ހައިކޮމިޝަން
އިނާމް ދިނުމުގެ ހަފްލާއަށް ފަހު އޮތް ރޯދަވިއްލުން ހަމަޖައްސައިދެއްވާފައި ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ހެޔޮއެދުންތަކާ އެކު ކަމަށް ހައިކޮމިޝަނުން ބުނެ އެވެ.