28 Jun 2015, 11:21
ޏ. ފުވައްމުލަށް ދޫޑިގަމް، އާސްމާންގޭ އަބްދުﷲ ޝުހާދު މަރާލުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
ފަރީދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް ފޮނުވީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އަދި އެ ކޯޓުން މައްސަލައިގެ ލިޔުންތައް ހައިކޯޓަށް ފޮނުވާފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާ އިރު ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލައް ދޫޑިގަން ބޮޑުފަންނު މަގާ ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް އޭނާގެ ކަނާތުގައި އޮތް ވަޅި އެއްފަހަރު ހަރާލާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ޝުހާދު މަރުވެފައި ވަނީ، ވަޅިހަރާލުމުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.