28 Jun 2015, 11:29
ކަތްމަންޑޫ (ޖޫން 28) : ނޭޕާލަށް ކުރިމަތިވި ބިންހެލުމުގެ ސަބަބުން މިލިޔަނަކަށް ވުރެ ގިނަ ކުޑަކުދިން ތައުލީމުން މަހްރޫމް ވެފައިވާ ކަމަށް ކުޑަކުދިންނާ ބެހޭ އދ.ގެ ފަންޑް ޔުނިސެފް އިން ބުނެފި އެވެ.
ޔުނިސެފުން ބުނީ މިދިޔަ އެޕްރީލް މަހު ނޭޕާލަށް އައި ބިންހެލުމުގައި އެގައުމުގެ ގިނަ އަދަދެއްގެ ސްކޫލްތައް ހަލާކުވެ އަނެއްބައި ސްކޫލްތައް ބޮޑުމަރާމާތެއް ކޮށްއަލުން ފަރުނީޗަރު ފަދަ ތަކެތި ހޯދައިގެންނޫނީ އެތަންތަނުގައި ކިޔަވައިދެވޭނެ ގޮތެއްނެތުމުން ބިންހެލުމަށް ފަހު މިލިޔަނަކަށް ވުރެ ގިނަ ކުޑަކުދިން ކިޔެވުމުން މަހްރޫމް ވެފައިވާ ކަމުގަ އެވެ. އަދި މީގެތެރެއިން ގިނަކުދިންނަށް މިއަހަރުގެ ދިރާސީ އަހަރު ގެއްލިގެންދާނެކަމަށް ބެލެވޭކަމަށް ވެސް ޔުނިސެފުން ބުނެ އެވެ.
އެޕްރީލް މަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމަކީ ފާއިތުވި ސަތޭކަ ވަރަކަށް އަހަރު ތެރޭގައި އެގައުމަށް އައި އެންމެ ބޮޑު ބިންހެލުމެވެ. އެ ބިންހެލުމާ އެކު އިތުރު ބިންހެލުންތައް އެކި ދުވަސްމަތިން އަންނަމުން ދިޔަ އެވެ. ނަތިޖާއެއްގެ ގޮތުން ނޭޕާލުގެ އިންފްރާސްޓްރަކްޗާގެ ބޮޑުބައެއް ވަނީ ހަލާކުވެފަ އެވެ. ބިންހެލުމުގެ ސަބަބުން ހަ ބިލިޔަން އެމެރިކާ ޑޮލަރުގެ މާއްދީ ގެއްލުން ލިބިފައިވާ ކަމަށް ނޭޕާލުން އަންދާޒާ ކޮށްފައިވެ އެވެ. ނޭޕާލުގެ ސަރުކާރުން ވަނީ 15 ހާސް ތައުލީމީ ބިނާއެއް އަލުން އިމާރާތް ކުރުމަށް ނިންމާފައެވެ. ނަމަވެސް މިކަމަށް ބޭނުންވާ ފައިސާ ނެތުމުން މިތަންތަން ބިނާކޮށް ނިންމާލެވޭނެ ތާރީޚެއް ކަނޑައަޅާފައެއް ނުވެ އެވެ.
ނޭޕާލުގެ ބިންހެލުމުގައި 10،000 މީހުން މަރުވެފައިވާ އިރު މީގެ ތެރޭގައި ގިނައަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ. ނޭޕާލުގެ ދިރާސީ އައު އަހަރު ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެ ވެސް މަހު އެވެ. ބިންހެލުމުގެ ސަބަބުން މިއަހަރުގެ މޭމަހު ވަނީ ނޭޕާލުގެ ގިނަ ސްކޫލްތަކަށް ކިޔެވުން ނުފެށި އެވެ. ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއެކު ނޭޕާލުގެ ގިނަ ދަރިވަރުންނަށް ވަނީ ނަފްސާނީ ބޮޑެތި މައްސަލަތަކެއް ވެސް ކުރިމަތިވެފައި ކަމަށް ޔުނިސެފުން ބުނެ އެވެ. (ރޮއިޓާސް)