ޏ. ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނާ އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

ރޭ ހިނގި އެ އެކްސިޑެންޓްގައި 55 އަހަރުގެ ފިރިހެނަކު މަރުވެފައިވާ އިރު ސީރިއަސް އަނިޔާތަކެއް ލިބުނު، 19 އަހަރުގެ މުހައްމަދު ނަޝްރަހު ފަރުވާ ދިނުމަށް މިއަދު ވަނީ މާލެ ގެނެސްފަ އެވެ.

އެޒުވާނާއަށް ފަރުވާދިނުމަށް ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗް އަށެވެ. އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ މިއަދު ސަން އަށް ވިދާޅުވީ އެހޮސްޕިޓަލަށް ގެނައިއިރު ވެސް އެޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން "ނިއުރޯ ސާޖަން"(ނާރުގެ ޑޮކްޓަރު) އަށް ދެއްކުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެޒުވާނާ އަށް މިހާރު އޭޑީކޭ ހޮސްޕިޓަލްއިން ފަރުވާ ދެމުންދާ އިރު އޭނާގެ ހާލަތު ބަލާލުމަށް އެހޮސްޕިޓަލުގެ ކަމާ ބެހޭ ފަރާތްތަކާއި ގުޅުމުން ވިދާޅުވީ އަދި އެކަމާއި ގުޅޭގޮތުން ވަކި އެއްޗެސް ހާމަ ކުރެވެން ނެތް ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ރޭ މައުލޫމާތު ދިން ގޮތުގައި އެ ޒުވާނާގެ ބޮލަށް "ފުދޭ ވަރަކަށް ބޮޑަށް އަނިޔާވެފައި ވަނީ" ކަމަށެވެ.

އެކްސިޑެންޓު ހިނގީ ރޭ 21:50 ހާއިރު ފުވައްމުލަކު މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގަ އެވެ. އެއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއްނުވެ އެވެ.