ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނެވުމަށްފަހު މިރޭ އިނގިރޭސިވިލާތަށް ފުރާވަޑަައިގެންފި އެވެ.

ނައިބު ރައީސް ޑރ. ޖަމީލުގެ ވަރަށް އަރިސް ބޭފުޅަކު ސަންއަށް މިރޭ ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެމަނިކުފާނު ލަންޑަނަށް ފުރާވަޑައިގެންފައި ވަނީ، ދޯހާމަގުން ގަތަރު އެއާވޭސްގެ މަތިންދާބޯޓެއްގައެވެ.

ނައިބުރައީސް ޑރ. ޖަމީލު ބޭސްފަރުވާގެ ކަންތައް ނިންމެވުމަށްފަހު މާލެވަޑައިގަތުމަށް ހަމަޖެހިފައި އޮތްނަމަވެސް އެ ދަތުރުފުޅު ލަންޑަނަށް ބަދަލުކުރެއްވިކަން ސަރުކާރަށް އަންގަވާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ މިރޭ ސަންއަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ނައިބުރައީސް އެދިވަޑައިގަތީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް. އެހުއްދަ ރައީސް ވަނީ ދެއްވާފައި. ދެން ނައިބުރައީސް އިތުރު ތަނަކަށް ވަޑައިގަންނަވާކަމެއް އަދި އަންގަވާފައެއް ނުވޭ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ، ނައިބުރައީސް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ފަހުން ހަފްތާ ބަންދުގެ ދެދުވަސް ގޮސްފި ކަމަށާއި އަދި އާދީއްތަ ދުވަހު އޮފީހަށް ނުކުމެވަޑައިނުގެންފި ނަމަ، އެމަނިކުފާނު ހުންނެވި ތަނެއް ރަސްމީކޮށް ރައީސް އޮފީހުން ބަލާނެ ކަމަށެވެ.

ނައިބު ރައީސް ކަމުގެ މަގާމުން ޑރ. ޖަމީލް ވަކިކޮށް އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލް ޣަފޫރު އައްޔަންކުރަން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނީ ނައިބު ރައީސް ކަމުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރާނަމަ، އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޓޫރިޒަމް މިނިސްޓަރު އަދީބު ކަމަށެވެ.

ޕީޕީއެމްގެ މަޖިލީސް މެމްބަރުން މިގޮތަށް ވިދާޅުވާއިރު، ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފައެވެ. އަދީބަށް މިހާރު ވަނީ 34 އަހަރު ފުރިފަ އެވެ.

ނައިބު ރައީސް ކަމަށް އަދީބު އައްޔަން ކުރެވޭނީ، މިހާރު އެ މަގާމުގައި ހުންނެވި ޑރ. ޖަމީލުގެ މައްޗަށް މަޖިލީހުން އިތުރުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްފަހުގައެވެ. ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ގާތްގުޅުމެއް އޮންނަ މަޖިލިސް މެމްބަރަކު ރޭ ސަން އަށް ވިދާޅުވީ ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތް މައްސަލަ ހުށައެޅުމަށް 29 މަޖިލިސް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޕީޕީއެމްގައި އެކަނި ވެސް 44 މަޖިލިސް މެމްބަރުން ތިއްބަވަ އެވެ.

ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިރޭ ލަންޑަނަށް ފުރާވަޑައިގެންނެވި އިރު، މޭޑޭ މުޒާހަރާއާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްއާއި އެޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާ ޕާސަން އަލީވަހީދު ވެސް މިވަގުތު ހުންނެވީ ލަންޑަނުގައެވެ.