27 Jun 2015, 23:26
އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ މަދިރި ކޮންޓްރޯލްކުރުމުގެ ގޮތުން މުޅި މާލެ ފޮގް ކުރުމުގެ މަސައްކަތް މިރޭ ފަތިހު ފަށަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް މިރޭ ސަން އަށް ވިދާޅުވީ، މިރޭ ފަތިހުން ފެށިގެން މާލޭގެ ބޮޑެތި މަގުތަކަށް ފޮގް ކުރަމުންދާނެ ކަމަށެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މުޅި މާލެ އެއްކޮށް ފޮގް ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ފަހަރެއްގައި ފަތިސް ގަޑީގައި ވަރަށް އަޑުގަދަ އެއްޗަކަށް ވުމުން މާލޭގެ މަގުތަކުން އެގޮތަށް ފޮގް ކުރަމުންދާއިރު އާންމު ރައްޔިތުންނަށް ޝޮކެއް ލިބިދާނެތީ އެކަން ސަމާލުކަމަށް ގެންނަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، މީގެ ކުރިންވެސް ދޭތެރެދޭތެރެއިން މާލޭގެ ބައެއް ސަރަހައްދުތައް ފޮގް ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކޮށްފައިވާ ކަމަށެވެ.
އެހެން އަހަރުތަކާ އަޅައިބަލާއިރު "ކަންބޮޑުވާ" ވަރަށް ޑެންގީ ހުން ފެތުރެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމު އާދަމް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، ޑެންގީ ހުން ފެތުރުނަ ނުދިއުމަށް ޓަކައި މަދިރި ނައްތާލުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.
"އެހެންކަމުން ޑެންގީ ހުމުން ރައްކާތެރި ވުމަށްޓަކައި ދުރާލައި މަދިރި ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކި ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތު އަދި ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފަރާތުން އަޅުގަނޑު އިލްތިމާސް ކުރަން،" އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ހަމައެކަނި މާލެއަށް ބަލާލި ކަމުގައި ވިއަސް މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ޑެންގީގެ 125 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އަތޮޅުތަކަށް ބަލާ އިރު 249 ކޭސް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް މިނިސްޓަރު އިރުތިޝާމު ވިދާޅުވި އެވެ.