ރާއްޖޭގައި އޮތް އަމަން އަމާންކަން ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފި އެވެ.

ދ. ރިނބުދޫގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ރައްޔިތުން ގުޅިގެން އަމާން ކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތްކުރުން ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ގައުމުތަކަށް ބަލާލި ނަމަވެސް މިހާރު ފެންނަނީ ކުޑަކުދިން މެރުމާއި އެއްވެސް ގޮތެއް ފޮތެއް ނެތި އަހުލާގެއް ނެތި މީހުންގެ ގެތައް ހަލާކު ކުރަން ދިޔުމާއި އެކަހަލަ ކަންތައްތައް. މިކަން ކަމުން އަޅުގަނޑުމެން އިބުރަތް ހޯދައިގެން އެންމެން އެކުވެރިވާން ޖެހޭ. އެކުވެރި ނުވެއްޖެ ނަމަ އެހެން ގައުމުގެ ރައްޔިތުން ހެން އަޅުގަނޑުމެން އުޅެން ޖެހިދާނެ،" ސިޔާމް ވިދާޅުވި އެވެ.

ދ. ރިނބުދޫގައި އެސްޓީއޯ ފާމަސީއެއް ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު ޖައިޝަން

ގައުމަށް ތަރައްގީ ގެނެވޭނީ ރައްޔިތުން ގުޅިގެން ކަމަށްވާއިރު ސިޔާސީ ވިސްނުމުގެ ތަފާތުވުމުގެ ސަބަބުން ގައުމަށް ގެއްލުންތަކެއް ވެދާނެ ކަމަށް ވެސް އެމްޑީއޭގެ ލީޑަރު ވިދާޅުވި އެވެ. ނަމަވެސް އެފަދަ ވިސްނުމުގެ ސަބަބުން ގައުމަށް ގެއްލުން ވާނެ ގޮތްގޮތަށް ކަންތައްތައް ނުކުރުމަށް ސިޔާމް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ހާލަތާ މެދު ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ރާއްޖެއަކީ 100 އިންސައްތަ މުސްލިމު ގައުމަކަށް ވުން ކަމަށެވެ. އެ ނަސީބު ލިބިފައިވަނީ ރާއްޖެ ފިޔަވައި އެންމެ ގައުމަކަށް ކަމަށްވީ ނަމަވެސް ރާއްޖެ ނޫނީ އެއް މަޒުހަބަކަށް އުޅޭ ގައުމެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ދީނީ އަގީދާ ވަރުގަދަކޮށް އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އެކުވެރިކަންމަތީ ސާބިތުވެ ތިއްބެވުމަށް ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ސިޔާމް ގޮވާލެއްވިއެވެ.