27 Jun 2015, 22:37
ޏ. ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބި އޭގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާދު މިރޭ "ސަން" އަށް ވިދާޅުވީ، މިރޭ ހިނގި އެކްސިޑެންޓެއްގައި މަރުވެފައި ވަނީ 55 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފަރުޒާދު ވިދާޅުވީ، އެ މީހާ ހޮސްޕިޓަލަށް ގެނައި އިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.
ފަރުޒާދު ވިދާޅުވީ، ސައިކަލު ދުއްވަން އިނީ ޒުވާނެއް ކަމަށާއި އޭނާގެ ހާލުވެސްވަރަށް ސީރިއަށް ކަމަށެވެ. އަދި ވިދާޅުވީ، އޭނާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"އޭނާގެ ބޮލަށް ފުދޭ ވަރަކަށް ބޮޑަށް އަނިޔާވެފައި ވަނީ. ދެން ސީދާ ލިބިފައި ހުރި އަނިޔާތަކުގެ ތަފުސީލެއް ދަންނަވާލަން ދަތި. ވަރަށް ބޮޑު ހެޑު އެންޖަރީއެއް ހަމަގައިމުވެސް،" ފަރުޒާދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެކްސިޑެންޓު ހިނގީ މިރޭ 21:50 ހާއިރު ފުވައްމުލަކު މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގައި ކަމަށެވެ.