03 Mar 2011, 21:11
ލޯކަލް ގަވާމަންޓް އޮތޯރިޓީ )އެލްޖީއޭ( އަށް އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރަންޖެހޭ ހަތަރު ކައުންސިލަރުން ހޮވުމަށް އިންތިހާބެއް ބާއްވާ ގޮތަށް ހަމަޖައްސައި، އެކަން ކުރިއަށްގެންދާނެ ގޮތުގެ އުސޫލު އެލްޖީއޭން ކަނޑައަޅައިފި އެވެ.
އެލްޖީއޭން އާއްމުކޮށްފައިވާ އުސޫލުގައި ބުނަނީ، އެ އޮތޯރިޓީއަށް އަތޮޅު ކައުންސިލްތަކުން ހަތަރު މެމްބަރަކު ހޮވާނީ ހަތަރު ދާއިރާއަކުން ކަމަށެވެ. އެ ހަތަރު ދާއިރާ ކަނޑައަޅައިފައިވަނީ 18 އަތޮޅެއް ހަތަރު ދާއިރާއަކަށް ބަހައިލައިގެން ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ހއ އަތޮޅާއި ހދ އަދި ށ، ހިމެނޭ ދާއިރާއާއި ނ އަތޮޅާއި ރ، ބ، އަދި ޅ އަތޮޅު ހިމެނޭ ދާއިރާ އާއި ކ އަތޮޅާއި އއ، އދ، ވ، މ، ފ، ދ، އަދި ތ އަތޮޅު ހިމެނޭ ދާއިރާގެ އިތުރުން ލ އަތޮޅާއި ގއ، ގދ އަދި ޏ އަތޮޅު ހިމެނޭ ދާއިރާ އެވެ.
އަތޮޅު ކައުންސިލްތަކުގެ ކޮންމެ މެމްބަރަކަށް ވެސް، އެ އަތޮޅެއް ހިމެނޭ ދާއިރާއަކުން އެލްޖީއޭގެ މެމްބަރަކަށް ކުރިމަތިލެއްވުމުގެ ހައްގު ލިބިގެންވާ ކަމަށާއި ކުރިމަތިލައްވާ ބޭފުޅުންގެ މެދުގައި ބާއްވާ އިންތިހާބުގެ ހުރިހާ ކަމެއް ހިންގާނީ އެލްޖީއޭ އިން އެކުލަވައިލާ ފަސް މެމްބަރުންގެ ކޮމިޓީއަކުން ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
"މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ އިންތިހާބުގެ ކަންތައްތައް ރާވާ ހިންގާނީ ލޯކަލް ގަވާމަންޓް އޮތޯރިޓީން އެކަމަށްޓަކައި އެކުލަވައިލާ، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މުސްތަގިއްލު ކޮމިޓީއަކުންނެވެ. އަދި ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓުލުމުގެ ކަންތައްތައް ރާވާ ހިންގުމަށާއި ވޯޓު ގުނުމާއި ނަތީޖާ އިއުލާންކުރުމަށް ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ސަބް ކޮމިޓީއެއް، އިންތިހާބުގެ ކަންތައްތައް ހިންގާ ބަލަހައްޓާ މުސްތަގިއްލު ކޮމިޓީން އެކުލަވާލަންވާނެ އެވެ،" އެލްޖީއޭން އެކުލަވައިލާ އާންމުކުރި އުސޫލުގައި ބުނެފައި ވެއެވެ.
އަދި އިންތިހާބު އިއުލާންކުރުމާއި ވޯޓު މަރުކަޒުތައް ކަނޑައެޅުމުގެ އިތުރަށް ވޯޓުކަރުދާސް ތައްޔާރުކުރުމާއި ވޯޓުގެ ނަތީޖާ ގުނުމާއި އިއުލާންކުރުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދާނެ ގޮތުގެ އުސޫލު ވެސް އެލްޖީއޭން ވަނީ ކަނޑައަޅައިފަ އެވެ.
އެލްޖީއޭއިން އަތޮޅު ކައުންސިލްތަކުން އެ އޮތޯރިޓީއަށް މެމްބަރުން އިންތިހާބުކުރުމުގެ އުސޫލު ކަނޑައަޅައިފައިވަނީ، އެ އޮތޯރޮޓީގައި މިހާރު ތިއްބެވި ތިން ބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު އެވެ. ނުވަ މެމްބަރުން ތިއްބަވައި އެ އޮތޯރިޓީގައި މިހާރު ތިއްބެވީ، ހޯމް މިނިސްޓާ ހަސަން އަފީފާއި، މާލެ ސިޓީ ކައުންސިލްގެ މެމްބަރު، މައިޒާން އަލި މަނިކު އަދި އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރު އަހްމަދު މިރުޒާދެވެ.
އެ އޮތޯރިޓީގައި، އަތޮޅު ކައުންސިލްތަކުން ހަތަރު މެމްބަރުން އަދި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރަންޖެހޭ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން މީހަކު ހިމެނެ އެވެ.