27 Jun 2015, 22:01
ކައުންސިލުގެ އުމުރު ހަމަ ނުވަނީސް ކައުންސިލަރަކު އިސްތިއުފާ ދެއްވި ކަމުގައި ވީ ނަމަވެސް ކައުންސިލެއްގެ އުމުރުގެ ތިންބައި ކުޅަ އެއްބައި ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ނުކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އިސްލާހު، ގައުމީ ސަލާމަތު ކޮމިޓީން ފާސްކޮށްފި އެވެ.
ގައުމީ ސަލާމަތު ކޮމިޓީން އެގޮތަށް ފާސްކޮށްފައި ވަނީ ކޮމިޓީގައި އެވަގުތު ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
ކޮމިޓީން އެގޮތަށް ފާސްކުރެއްވި އިރު ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑެ) ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކައުންސިލުގެ އުމުރު ހަމަ ނުވަނީސް ކައުންސިލަރަކު އިސްތިއުފާ ދެއްވި ކަމުގައި ވިއަސް އިސްތިއުފާ ދެއްވި ކައުންސިލަރުގެ ބަދަލުގައި އިތުރު ކައުންސިލަރެއް އައްޔަން ކުރުމަށް އިންތިހާބު ބާއްވަން ނުޖެހޭ ކަމަށެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ ވަރަށް އެ ކައުންސިލެއްގައި މެމްބަރުން ނެތް ނަމަ ހުސްވި ގޮނޑިއަށް ކައުންސިލަރަކު އައްޔަން ކުރުމަށް އިންތިހާބު ކުރަންވާނެ ކަމަށެވެ.
ވައްޑެ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކައުންސިލަރެއް ނުވަތަ ކައުންސިލެއްގެ ވާޖިބު އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ނަމަ އެކަންކަމުގެ ސަބަބު ދެނެ ގަތުމަށްޓަކައި "އިންކުއަރީ" އެއް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކަށް އިހްތިޔާރު ލިބިގެންވާ ކަމަށެވެ. އަދި އެ "އިންކުއަރީ"އެއް ހަދާނީ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން އައްޔަންކުރާ ބައެއް ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
އެފަދަ ކައުންސިލަކަށް ނުވަތަ ކައުންސިލަރަކުގެ މައްސަލައެއް "އިންކުއަރީ" އަށް ސާބިތުވެއްޖެ ނަމަ ނަސޭހަތް ނުވަތަ އިންޒާރު ދެވޭނެ އެވެ. ނުވަތަ ވަކި މުއްދަތަކަށް ކައުންސިލަރަކު ނުވަތަ ކައުންސިލް ސަސްޕެންޑު ކުރެވޭނެ ކަމަށާއި އެ ކައުންސިލެއްގެ ނުވަތަ ކައުންސިލަރެއްގެ އިތުބާރު ރައްޔިތުންގެ މެދުގައި އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ވޯޓެއް ވެސް ނެގޭނެ އެވެ.
އެފަދަ ހާލަތެއްގައި ކައުންސިލެއް ވަކި މުއްދަތަކަށް ސަސްޕެންޑު ކޮށްފި ނަމަ އެކައުންސިލެއްގެ ޒިންމާ އުފުލާނީ އެލްޖީއޭގެ މަޝްވަރާގެ މަތީން، ސަސްޕެންޑުކުރި ކައުންސިލެއްގެ ޒިންމާދާރު ވެރިޔާ ކަމަށް ވެސް ވައްޑެ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.