27 Jun 2015, 21:26
މިދިޔަ މޭ މަހުގެ އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އަތެއް ވާ ކަމުގެ މައުލޫމާތުތަކެއް އެބަ ހުރި ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން "ސަން"އަށް ވިދާޅުވީ މޭޑޭގައި ނައިބު ރައީސް ޖަމީލުގެ އަތެއްވާ ކަމުގެ މައުލޫމާތުތަކެއް ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުންގެ އަތްޕުޅުގައި އެބަ ހުރި ކަމަށެވެ. އަދި ވިދާޅުވީ އެ މައުލޫމާތުތައް މީޑިއާއާ ފަހުން ހިއްސާކުރާނެ ކަމަށެވެ.
ނައިބު ރައީސް ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމް އެމްޑީއޭ ޕާލިމަންޓަރީ ގުރޫޕުން ރޭ ފާސްކުރިީ ބައްދަލުވުމަށް ވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުން ނެވެ. ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ޖަމީލު މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރަށް ވޯޓު ދިނުމަށް ތުރީލައިން ވިޕެއް ނެރެފަ އެވެ.
ނިހާނު ރޭ ވިދާޅުވީ މޭޑޭ ހަރަކާތާ ގުޅޭ މައުލޫމާތުތައް ދައުލަތުގެ ވަޒީރުންނާ މަޖިލިސް މެމްބަރުން މީޑިއަތަކަށް އިންޓިވިއު ދެއްވަމުން ގެންދެވިއިރު ނައިބު ރައީސް ޖަމީލު އެއްވެސް އެއްޗެއް އެކަމާ ގުޅޭ ގޮތުން ދައްކަވާފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ހުދު ނައިބު ރައީސް ޖަމީލަށް ފޯނުން ގުޅުއްވާފައި ދަންނަވާލިން އެމަނިކުފާނު ވަޑައިގެން، ވަޑައިނުގަންނެވޭ ކަމަށް ވާނަމަ އޯޑިއޯ އިންޓަވިއުއެއް ނަމަވެސް މީޑިއާ އަށް ދެއްވުމަށް. މިސާލަކަށް ބައްލަވާ ހޯމް މިނސްޓަރު އުމަރު ނަސީރު. ފިޒިކަލީ ވަޑައިނުގެންނެވުނު ޓީވީ އަށް. އެހެން ނަމަވެސް އެމަނިކުފާނަށް ސަރުކާރު ދިފާއު ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރެއްވި. އެންމެ ކުޑަ މިނުން ޖަމީލު ފޯނެއް ވެސް ނުނަންގަވާ. އޭގެ 24 ގަޑިއިރު ފަހުން ގުޅުއްވާފައި މި ވިދާޅުވަނީ މާލޭގެ ސެކިއުރީޓިގެ ހާލަތު އޮތް ގޮތަށް ބަލާފައި ތިމަންނާ [ނައިބު ރައީސް ޖަމީލު] މާލެ އިން ބޭރަށް ވަޑައިގަތީއޭ،" ނިހާނު ރޭ ވިދާޅުވި އެވެ.
ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރެއްވުމަށް ނިންމެވުމަށްފަހު، މުލިއާގެ ބޭރުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން-- ސަން ފޮޓޯ/ އަލީ ނަސީރު
ނިހާނު ވަނީ މޭޑޭގައި ވަޒީރުންނާ މަޖިލިސް މެމްބަރުންނަށް ނެތް ސެކިއުރިޓީ ތުރެޓެއް ނައިބު ރައީސް ޖަމީލަށް އޮންނާނެތޯ ސުވާލު އުފައްދާފައި އެވެ. އަދި ވިދާޅުވީ އެންމެން އެއްކޮށް ކުރަންޖެހޭ މަސައްކަތެއްގައި ނައިބު ރައީސް ޖަމީލުދަނީ "އިދިކޮޅަށް ފަލި ޖައްސަވަމުން" ކަމަށެވެ.
ނައިބު ރައީސްގެ މަގާމުން ޖަމީލު ވަކިކުރެއްވުމުގެ މަސައްކަތް ފައްޓަވާފައި ވަނީ އެ މަގަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެންނެވުމަށް ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ނިހާން ކުރިން ވިދާޅުވެފައި ވަނީ ނައިބު ރައީސް ބަދަލު ކުރަންޏާ އެ މަގާމަށް އެންމެ އެކަށީގެން ވަނީ އަދީބު ކަމަށެވެ.
ނައިބު ރައީސް ކަމަށް އަދީބު އައްޔަން ކުރެވޭނީ، މިހާރު އެ މަގާމުގައި ހުންނެވި ޑރ. ޖަމީލުގެ މައްޗަށް މަޖިލީހުން އިތުރުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްފަހުގަ އެވެ. ނައިބު ރައީސް މަގާމުން ޖަމީލު ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ.