އެސްޓީއޯގެ 129 ވަނަ ބޭސްފިހާރަ ދ. ރިނބުދޫގައި ހުޅުވައިފި އެވެ.

ރިނބުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ބޭސްފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ، ރިނބުދޫ ހިމެނޭ، މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އާއި އެސްޓީއޯގެ ބޯޑު މެމްބަރު އައިޝަތު ރަފިއްޔާ އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ، މިއަދަކީ ރިނބުދޫގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރަމުން އައި ދުވަހެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށުގެ ކުދިބޮޑު އެންމެނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދަ ހިދުމަތް ލިބޭ ބޭސް ފިހާރައެއް ގާއިމުކުރުމަށް އެސްޓީއޯއިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރިނބުދޫގައި ހުޅުވި ބޭސް ފިހާރައަކީ، އެކަމަށްއެދި އެރަށުގެ ކައުންސިލުންނާއި ރަށުގެ އެހެން ފަރާތްތަކުންވެސް މީގެ ތިން ވަރަކަށް އަހަރު ކުރިން އެދެމުން އައިސްފައިވާ ކަމެއް ކަމަށް ރިނބުދޫ ކައުންސިލުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިނބުދޫ ކައުންސިލުގެ ރައީސް ހާދިމް އިބްރާހިމް ވިދާޅުވީ، މިއަދު ހުޅުވުނު ބޭސް ފިހާރައިގެ ސަބަބުން "ބޭސް ބޭނުން ވުމުން މާލެއަށް ބޭސް ސިޓީ ފޮނުވައިގެން އުޅެން މިހާރު ނުޖެހޭނެ" ކަމަށެވެ.

ރިނބުދޫގައި މިއަދު ހުޅުވި އެ ބޭސް ފިހާރައިން، މާލެއިން ލިބޭ ބޭސްތައް ލިބޭނެ ކަމަށާއި އެތަނުން ނުލިބޭ ބޭހެއް ނަމަ އެތަކެތި ގެނެވޭނެ އިންތިޒާމެއްވެސް ހަމަޖައްސާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.