27 Jun 2015, 17:35
ސަރުކާރާއި އެކު ކުރާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ގޮތުގައި އިންޑިއާގެ އިސް ފަރާތެއް ކަނޑައެޅުމަށް އިދިކޮޅު އެމްޑީޕީން އެދޭނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ އޮފީހުގައި އެޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އިންޑިއާއިން މެދުވެރިއަކު ކަނޑައެޅުމަށް އެދެނީ އިތުބާރު ހުރި ގޮތަކަށް މަޝްވަރާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"...އެ މީޑިއޭޓާ އަކީ ހުރިހާ ފަރާތްތަކުން އެފަރާތަކަށް ބޯލަނބާނެ ނޫނިއްޔާ އެކަން ގަބޫލުކުރާ ފަރާތަކަށް ވާންޖެހޭ. އެއީ އިންޑިއާގެ ހާއްސަ ފަރާތެއްގެ ގޮތުގައި އަޅުގަނޑުމެން ހުށަހަޅަނީ. އިންޑިއާއިން އަޅުގަނޑުމެންނަށް މިފަދަ ބޭފުޅަކު ކަނޑައަޅުއްވައިދެއްވާނެ ކަމަށް ގަބޫލުކުރެވެނީ،" އިންތި ވިދާޅުވިއެވެ.
އެމްޑީޕީން ސަރުކާރާއި އެކު ކުރާ މަޝްވަރާތަކުގައި މައިގަނޑު ތިން ކަރުދާހެއް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހުށަހަޅާ އެއް ކަރުދާހަކީ މަޝްވަރާތަކުގެ ސިފަތައް ބަޔާންކުރާ ކަރުދާހެވެ. އިންޑިއާއިން މެދުވެރިއަކު ކަނޑައެޅުމަކީ އެ ކަރުދާހުގައި ހިމެނޭ ކަމެކެވެ.
ދެވަނަ ކަރުދާހެއްގެ ގޮތުގައި އެމްޑީޕީން ސަރުކާރަށް ހުށަހަޅާނީ އިތުބާރު ހޯދުމުގެ ގޮތުން ކުރާނެ ކަންތައްތަކަކާ ބެހޭ ކަރުދާހެކެވެ. މިހާތަނަށް ބޭއްވި އެއްވުންތަކާއި ގުޅިގެން ހައްޔަރުކޮށް،ދައުވާ އުފުލާފައިވާ މީހުން ދޫކޮށްލުމާއި އެކި ގޮތްގޮތުން ބަންދުވެފައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރުމަކީ އެކަރުދާހުގައި ހިމެނޭ ކަންތައްތަކެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަން ކުރުމުގެ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަކީ ވެސް ސަރުކާރަށް އެމްޑީޕީން ހުށަހަޅާނެ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައ އިންތި ވިދާޅުވެފައި ވަނީ އެމްޑީޕީން ސަރުކާރަށް އިތުބާރު ދޭ ފަދައިން ޕާޓީތަކާއި ސަރުކާރާ ކުރާ މަޝްވަރާތަކުގައި ވެސް ރަނގަޅު ގޮތްތަކެއް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވާ 400 އެއްހާ މީހުންނާއި ސިޔާސީ ލީޑަރުންނަށް ވެސް ލުއިގޮތްތަކެއް ހަމަޖެހޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... އަޅުގަނޑުމެން މި ވޯޓް މިގޮތަށް ދިނުމާއި އެކުގައި ވެސް، އަދި މީގެ ކުރީގައި ވެސް މިދެކެވެމުންދާ ވާހަކައިގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް އަދި މިހާތަނަށް ކަންތައްތައް މިދަނީ އަޅުގަނޑުމެން އުއްމީދުކުރި ގޮތްތަކަކާއި އެއްގޮތަށް. އެހެންވީމާ އަޅުގަނޑުމެން ދެންވެސް އުއްމީދުކޮށްގެން މިތިބީ ހަމަ އިތުބާރު މިދޭ ފަދައިން އަޅުގަނޑުމެންނަށް ސަރުކާރާގައި އެކުގައި މަޝްވަރާގައި ރަނގަޅު ގޮތްތަކެއް ވެގެން ދާނެ ކަމަށް،" އިމްތިޔާޒް ވިދާޅުވި އެވެ.
ސަރުކާރުން މަޝްވަރާއަށް އައުމަށް ފުރަތަމަ ދިން ދައުވަތައް އެމްޑީޕީއިން ވަނީ ދެކޮޅު ހަދާފައެވެ. އެފަހަރު އެޕާޓީއިން ބުނެފައިވަނީ ރައީސް މުހައްމަދު ނަޝީދު ބައިވެރިނުވެވޭ މަޝްވަރާއެއްގައި އެޕާޓީއިން ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް ކުއްލިގޮތަކަށް މިދިޔަ ހަފްތާގައި ވަނީ އެނިންމުން ބަދަލުކުރައްވާފައެވެ.