27 Jun 2015, 16:52
މޫނު ނިވާކޮށްގެން ހުރެ، ތޫނުއެއްޗަކުން ބިރުދައްކައިގެން އައްޑޫ ސިޓީ ގައި ފޭރެމުންދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ހިތަދޫގެ ތިން ފިހާރައަކުން ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ 23:45 ކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ތަކުރާރުކޮށް ތިން ރޭ މަތިން އައްޑޫ ސިޓީ ފިހާރަތަކަށް މޫނު ނިވާކޮށްގެން ވަދެ ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާ ފޭރޭ ކަމުގެ ތުހުމަތެވެ. އޭނާ ފޭރުނު ފިހާރަތަކުގެ ތެރޭގައި ހިތަދޫ، އާރިޒޯން ފިހާރައާއި ރައިޒިންގް ސްޓާ ފިހާރައާއި އިމްޕާލާ ފިހާރަ ހިމެނެ އެވެ.
"އޭނާ ދިރިއުޅޭ ގެއާއި އެ ގޭގައިހުރި ބައެއް ތަކެތި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ބައެއް ތަކެއްޗާއި ފައިސާގެ އިތުރުން، މޫނު ނިވާކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހެލްމެޓާއި، ބިރުދެއްކުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ސެލޯފިން ކޮޅެއް ވަނީ ފެނިފަ،" ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އެހެން އަހަރުތަކަށްވުރެ މި އަހަރުގެ ރޯދަމަހު ފޭރުމާއި ވައްކަމުގެ މައްސަލަތައް ދަށްވެފައިވާ ކަމަށެވެ. މިއަހަރުގެ ރޯދަ މަހު ފުރަތަމަ ހަފްތާގައި ފުލުހުންނަށް ހުށައެޅިފައިވަނީ ފޭރުމާއި ވައްކަމުގެ 28 މައްސަލައެވެ. އާންމު މަސްމަހު ހަފްތާއަކު 100 އަށްވުރެ ގިނަ މައްސަލަ ހުށައެޅެއެވެ.