27 Jun 2015, 16:14
ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އެ ގްރޫޕަށް ޖަވާބުދާރީ ވުމަށް ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމެއް ކަމަށްވާ ޝެރީ ބްލެއާގެ ޓީމާ އެކު ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
ފޮރިންގް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އަށް ހުށަހަޅާފައިވާ މައްސަލައަަށް ސަރުކާރުން ޖަވާބުދާރީވުމަށް ތައްޔާރުވަމުންދާ ކަމަށެެވެ.

ފޮރިންގް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ -- ފާތިމަތު ސައީދު
އަދި އެމައްސަލާގައި ސަރުކާރާއި މަސައްކަތް ކުރައްވާނީ ޗެރީ ބްލެއާގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ޓޯބީ ކެޑްމަން ކަމަށް ދުންޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ މައްސަލަ ކުރިއަށް ގޮސްފައި މިވަނީ އަޅުގަނޑުމެންގެ ގާނޫނުތަކާއި އަދި ބައިނަލްއަގުވާމީ ގާނޫނީ މިންގަނޑުތަކާއި އެއްގޮތަށް،" ދުންޔާ ވިދާޅުވި އެވެ.
ޝެރީ ބްލެއާގެ ގާނޫނީ ޓީމުގެ ފަރާތުން ސަރުކާރާ އެކު މަސައްކަތް ކުރައްވާ ގާނޫނީ ވަކީލު ޓޯބީ ކެޑްމަން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ހިގައި ދިޔައީ ގައުމީ އަދި ބައިނަލްއަގުވާމީ ލީގަލް ސްޓެންޑަޑާއި އެއްގޮތަށް ކަމަށެވެ.

ފޮރިންގް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ -- ފާތިމަތު ސައީދު
އެގޮތުން ކޯޓު އަމުރެއްގެ ދަށުން ރައީސް ނަޝީދު ބަންދު ކުރި ހިސާބުންފެށިގެން ބަންދުގައި ހުރި ހުރުމާއި ޝަރުއީ މަރުހަލާ، އަދި ބޭސްފަރުވާގެ ހުރިހާ ކަމެއް ވެސް ގާނޫނާ އެއްގޮތަށް ކުރިއަށް ގޮސްފައިވާ ކަމަށް ކެޑްމަން ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ ފަރާތުން ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން މައްސަލަ ހުށަހަޅާފައިވާ އިރު ދޮގު މައުލޫމާތުތަކެއް ފޯރުކޮށްފައިވާ ކަމަށް ކެޑްމަން ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައަކީ ރައީސް ނަޝީދާ ގުޅުން ހުރި ކަމެއް ނޫން އިދިކޮޅު ގާނޫނީ ޓީމުން ބުނި ކަމަށް ވިއަސް، އެކަން ކަމަކީ މައުލޫމާތު އޮޅުވާލައިގެން ފޮރުވޭނެ ކަންތައްތަކެއް ނޫން ކަމަށް ކެޑްމަން ވިދާޅުވި އެވެ.
އަދި އެ މައުލޫމާތުތައް ސަރުކާރުގެ ފަރާތުން ޔޫއެންގެ ވޯކިން ގުރޫޕަށް ސާފުކޮށްދިނުމުން މައްސަލަ ސަރުކާރާއު އެއްކޮޅަށް ނިންމާނެ އުންމީދު ކުރައްވާ ކަމަށް ކެޑްމަން ވިދާޅުވި އެވެ.
ޔޫއެން ވޯކިންގް ގުރޫޕަށް ޖަވާބުދާރީވުމަށް ޖުލައިގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ސަރުކާރަށް ވަނީ ފުރުސަތު ދީފަ އެވެ.