މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަކީ ދުނިޔޭގައި އެންމެ ނިކަމެތި ޙާލުގައި އުޅެންޖެހިފައިވާ ބައިމަދު ޖަމާއަތެވެ.

ރޮހިންޔާ މުސްލިމުންނަކީ މީގެ އެތައް ސަތޭކަ އަހަރެއްކުރިން މިޔަންމާގެ އަރަކާން ސަރަހައްދުގައި ދިރިއުޅެމުން ގެންދާ ބައެއްނަމަވެސް މިޔަންމާގެ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ ގޮތުގައި އެމީހުން ގަބޫލެއް ނުކުރެ އެވެ. މިޔަންމާގެ އާންމުންނާއި ދައުލަތުން ވެސް ދެކޭ ގޮތުގައި ރޮހިންޔާ މުސްލިމުންނަކީ ބަންގްލަދޭޝުން ގަވާއިދާ ޚިލާފަށް އެގައުމަށް ހިޖްރަކޮށްގެން އުޅޭ ބަންގްލަދޭޝްގެ ބައެކެވެ. އަނެއްކޮޅުން ބަންގްލަދޭޝުން ދެކޭގޮތުގައި ރޮހިންޔާ މުސްލިމުންނަކީ އެގައުމުގެ ރައްޔިތުންނެއް ވެސް ނޫނެވެ. އެއީ މިޔަންމާގެ ރައްޔިތުންނެވެ.

ރޮހިންޔާ މުސްލިމުން ދިރިއުޅޭ އަރަކާން ސަރަހައްދަކީ އިނގިރޭސީން ބަރުމާ އިސްތިއުމާރު ކޮށްގެންއުޅުނު ދުވަސްވަރު އަތްދަށުލި ބަންގްލަދޭޝްގެ ސަރަހައްދެކެވެ. އެތަން އަތްދަށުލި އިރު ބަންގްލަދޭޝް އޮތީ އިންޑިޔާގެ ބައެއްގެ ގޮތުގަ އެވެ. އަސްލު ރޮހިންޔާ މުސްލިމުން ނިކަމެތިވެގެން ދިޔައީ އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު މިޔަންމާއިން އަރަކާން ސަރަހައްދުގެ ބިންތަކަށް ވެރިވެގަތްއިރު އެބިމުގެ އަހްލުވެރިން ކަމަށްވާ ރޮހިންޔާ މުސްލިމުން ބަލައިގަތުމަށް ދެކޮޅު ހެދުމެވެ.

އެދުވަސްވަރުގެ ބަރުމާއިން ބޭނުންވީ އެބިމުގެ ވަޒަންވެރިން ކަމަށްވާ ރޮހިންގާ މުސްލިމުންގެ ބަދަލުގައި އެމީހުންގެ ބިމެވެ. އެހެންކަމުން ބިމަށް ވެރިވެގެންފައި އެބިމުގެ ވަޒަންވެރިން ނިކަމެތި ކޮށްލީ އެވެ. ކުރީގެ ބަރުމާ އަދި މިހާރުގެ މިޔަންމާއިން މިގޮތަށް ކަންތައްކުރުމާ އެކު ރައްޔިތެއްގެ ދަރަޖަ ނުލިބި ނިކަމެތި ހާލުގައި އުޅެންޖެހުމުން ރޮހިންޔާ މުސްލިމުންގެ އެތައް ބަޔަކު އަރަކާން ސަރަހައްދު ދޫކޮށް ބަންގްލަދޭޝަށް ހިޖުރަކުރި އެވެ. ނަމަވެސް ރޮހިންޔާ މުސްލިމުން ބަންގުލަދޭޝްގެ ރައްޔިތުންނަށް ނުވާތީ ބަންގްލަދޭޝްގައި ވެސް އެމީހުންނަށް ދިރިއުޅެން ޖެހުނީ މިޔަންމާގައި އުޅޭންޖެހުނު ފަދަ އިންސާނިއްޔަތުކަމެއްނެތް ބިކަ ޙާލެއްގަ އެވެ.

ބަންގްލާދޭޝާއި މިޔަންމާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރެފިއުޖީ ވަގުތީ ކޭމްޕްތަކުގައި އިންސާނުން ދިރިއުޅެން ހެޔޮވާވަރަށްވުރެ ދަށުދަރަޖައެއްގައި ރޮހިންޔާގެ ތިންލައްކައެއްހާ މުސްލިމުން މިހާރު ވެސް ދިރިއުޅެމުން ގެންދެ އެވެ. ރޮހިންޔާ މުސްލިމުން މިޔަންމާއިން ބޭރުކޮށްލުމަށް ޓަކައި އެގައުމުގެ ސަރުކާރު އަޑީގައި އޮވެގެން ބުދުދީނުގެ ހާމުރުދުންލައްވައި ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަކުގެ ތެރޭގައި މައިންބަފައިންގެ ކުރިމަތީގައި ދަރިން މެރުމާއި އަނބިންގެ ކުރިމަތީގައި ފިރިން މެރުމާއި ފިރިންގެ ކުރިމަތީގައި އަނބިންގެ އިއްފަތްތެރިކަމަށް އަރައިގަތުމާއި ގެދޮރާއި މުދަލުގައި އަލިފާންޖަހައި އާއިލާތައް އެކުއެކީ މަރާލުން ފަދަ އިންސާނީ ނަސްލު ނައްތާލުމުގެ އަމަލުތައް ހިމެނެ އެވެ.

މިއަނިޔާތައް ރޮހިންޔާ މުސްލިމުން ތަޙައްމަލް ކުރަމުންގެންދާ ހަތްދިހަވަރަކަށް އަހަރުވެފައިވީ ނަމަވެސް އެމީހުންގެ މި ވޭނުގެ އަޑު ބައިނަލްއަގްވާމީ މުޖްތަމައަށް އިވިފައި ވަނީ އެންމެ ހަތަރު ވަރަކަށް ފަހަރު އެވެ. އެއީ 1970 ގެ އަހަރުތަކުގެ ކުރީކޮޅުގައާއި 1980 ގެ އަހަރުތަކުގެ ކުރީކޮޅުގައާ އަދި 2012 ވަނަ އަހަރާއި 2013 ވަނައަހަރުގެ އިތުރުން މިއަހަރުގަ އެވެ. މިއަހަރުގެ މިދުވަސްވަރު ރޮހިންޔާ މުސްލިމުންގެ ނިކަމެތި ހާލުގެ އަޑުއަރާފައިވަނީ އެމީހުންގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް ހަތަރު ހާހެއްމީހުން ކުދި ކުދި ބޯޓުތަކުގައި ކަނޑުމަތީގައި ޙާލުގައި ޖެހި އެއްވެސް ގައުމަކުން އެމީހުން ބަލައިގަތުމަށް ދެކޮޅު ހެދުމާ ގުޅިގެންނެެވެ.

ރޮހިންޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވައި އެމީހުންގެ ނިގުޅައިގަނެފައިވާ ހައްގުތައް އަނބުރައި ހޯދައިދުިނުމުގައި އދ. ވެސް އަދި އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ ގައުމުތަކަށް ވެސް ކުރެވުނުކަމެއް އަދި އެޅުނު ފިޔަވަޅެއްނެތެވެ. ޑިމޮކްރަސީގެ ނެތްކަމަށްބުނެ އަދި އައުންސަންގް ސޫޗީ ގޭބަންދުގައި ބަހައްޓާތީ ކަމަށްބުނެ ހުޅަނގުގެ ގައުމުގަކުން މިޔަންމާއަށް ފިއްތުންތައް ކުރިމަތިކޮށް އެގައުމު އެކަހެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް އަށްލައްކައަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުންގެ އިންސާނީ ހައްގުތަކަށް މިޔަންމާ ސަރުކާރުން ފާޅުގައި އަރައިގަންނަމުންދާ އިރު އެއީ މައްސަލައަކަށް ހުޅަނގުގެ ގައުމުތަކަށް ނުވެ އެވެ.

މިއަނިޔާވެރިކަމާއި ހައިހޫނުކަމާއި ބަލިމަޑުކަމުން ސަލާމަތްވުމަށް ރޮހިންޔާ މުސްލިމުންގެ އެތައްހާސް ބަޔަކު މިޔަންމާއާއި ބަންގްލަދޭޝް ދޫކޮށް އެހެން ގައުމުތަކަށް ހިޖްރަކުރުމަށް މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ކުދިކުދި ބޯޓުތަކުގެ އެހީގައި މެލޭޝިޔާއާއި ތައިލެންޑާއި އިންޑޮނީޝިޔާ ފަދަ ގައުމުތަކަށް ހިޖްރަކުރުމަށް ކުރާދަތުރުތަކުން ވެސް އެމީހުންނަށް ލިބެނީ އިތުރު ވޭނާއި ކެކުޅުމެވެ. ސަބަބަކީ މިއިން އެއްވެސް ގައުމަކުން ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ދެކޮޅު ހަދާތީ އެވެ. މިގޮތުން ރޮހިންޔާ މުސްލިމުންގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް ހަތަރު ހާހެއްމީހުން ކުދި ކުދި ބޯޓުތަކުގައި ބަނދަރުކުރާނެތަނެއް ނުލިބި އެނބުރެމުންދިޔައިރު ކަނޑުމަތީގައި ތިބެ ރޮހިންޔާ މުސްލިމުންގެ އެތަށް ބަޔަކު ކަނޑަށް ގަރަގުވެގެންނާއި ހައިހޫނާއި ގަދައަވީގައ މަރުވެގެން ދިޔައީ އެންމެންގެ ކުރިމަތީގަ އެވެ.

އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުގައި އާރާބާރާއި ވަސީލަތްތައް ހުރިގައުމުތަކުގެ ކުރިމަތީގަ އެވެ. އިސްލާމީ ތިންގައުމު ކަމަށްވާ ބަންގްލަދޭޝް އާއި އިންޑޮނީޝިޔާއާ އަދި މެލޭޝިޔާ ކުރިމަތީގައި ރޮހިންޔާ މުސްލިމުން ކަނޑުމަތީގައި މިގޮތަށް މަރުވަމުން ދިޔައިރުވެސް މިޔަންމާއެކޭ އެއްގޮތަށް އެގައުމުތައްވެސްތިބީ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވާ ގޮތަކަށްނޫނެވެ. ނަމަވެސް މިގޮތަށް ކަނޑުމަތީގައި ރޮހިންޔާ މުސްލިމުންގެ އެތަށް ބަޔަކު މަރުވެގެން ދިޔުމަށް ފަހު އޮންޑޮނީޝިޔާއާއި މެލޭޝިޔާ އިން އޭގެތެރެއިން މަދުބަޔަކަށް ވަގުތީ ހިޔާވަހިކަމެއް ދިނެވެ.

މިއީ ދުނިޔެއަށް ލަދުންކުރި ކަމެއްކަމަށްވަނީ ބެލެވިފަ އެވެ. ނަމަވެސް ކަނޑުމަތީގައި ގަދައަވީގައި ހައިހޫނުކަމާއި ކަރުހިއްކުމުގައި މަރުވެ ފަނާވެގެން ދިޔުންވެސް މިޔަންމާއާއި ބަންގްލަދޭޝްގައި އުޅެންޖެހިފައިވާ ހިތްދަތި ދިރިއުޅުމަށް ވުރެ ރަނގަނޅުކަމަށް ރޮހިންޔާ މުސްލިމުން ދެކެ އެވެ. ސަބަބަކީ މިދަތުރުތަކުގެ ސަބަބުން އެމީހުންގެ ވޭނީ ދިރިއުޅުމުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ކޮންމެ ވެސް ވަރަކަށް އައިސްފައިވާތީ އެވެ. އަދި އެމީހުންގެ އަޑު ދުނިޔެއަށް ކޮންމެވެސް ވަރަކަށް އިވެމުންދާތީއެވެ. (ނޫސްއެޖެންސީތައް)