03 Mar 2011, 19:49
މިއަދު ހެނދުނު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި ދަރިފުޅު ބޮޑުކަމުން ނުވިއްސިގެން އުޅެނިކޮށް އެ ދަރިފުޅު މައިމީހާގެ ބަނޑުތެރޭގައި މަރުވުމުން، ކުއްޖާގެ ބޯބުރިކޮށްލުމަށް ފަހު ސިޒޭރިއަން ހަދައިގެން ނެގީ، މައިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި "ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިކުރަން" މަޖުބޫރުވުމުން ކަމަށާއި އަދި އެކަމަށް އާއިލާގެ ފަރާތުން ހުއްދަ ދިނުމުން ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
"މިއަދު ހެނދުނު މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި ކުޑަދަރިފުޅުގެ ބޯ ވިހެއުމަށް ފަހު ކޮނޑުތާށިވުމުގެ ސަބަބުން ދަރިފުޅު ވިއްސުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ފަހު ދަރިފުޅު ނުވިއްސިގެން ސިޒޭރިއަން ހެދުމަށްޓަކައި އޮޕަރޭޝަން ތިއޭޓަރަށް ގެންދެވުނެވެ. ސިޒޭރިއަން ހަދައިގެން ވެސް ކުއްޖާ ނުނެގި މައިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މަރުވެފައި އޮތް ދަރިފުޅު ނެގުމަށް ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިކުރަން ޖެހުމަށް މަޖުބޫރުވުމުން އާއިލާގެ ފަރާތުން ހުއްދަ ލިބި، މިގޮތަށް ކަންތައް ކުރެވުނެވެ،" އައިޖީއެމްއެޗް މިހާރު ހިންގާ މާލެ ހެލްތު ސާވިސަސް ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ނަމަވެސް، އެ ބަޔާނުގައި ކުއްޖާ މަރުވިއިރެއް ބުނެފައެއް ނެތެވެ. އަދި ސިޒޭރިއަން ހަދައިގެން އެކުއްޖާ ނެގުމަށް މަސައްކަތްކުރީ ދަރިފުޅު ނުވިހި، ކިހާއިރެއްވީ ފަހުން ކަމެއް ވެސް އެ ބަޔާނަކުން ނޭނގެ އެވެ. މީގެ އިތުރުން ވިހެއުމަށް ވެއްދުމުގެ ކުރިން ކުއްޖާގެ ހާލު ރަނގަޅުކަމެއް ނުވަތަ ސީރިއަސްކަމެއް ވެސް އެބަޔާނަކު ބުނެފައެއް ނެތެވެ.
އެހެންކަމުން އެކަމާ ބެހޭ އިތުރު ތަފްސީލު ހޯދުމަށް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްކަމުގައިވާ އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބަށް މިރޭ ގުޅާލުމުން ވިދާޅުވީ، އެކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވޭނެ ބޭފުޅަކު ހަމަޖެއްސޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.
ބަނޑުގައި އޮތް އެ ފިރިހެން ދަރިފުޅު ބޮޑުކަމުން ވިއްސުމުގެ ދަތިތަކެއް ދިމާވެދާނެ ކަމަށް ރަށު ހޮސްޕިޓަލުތަކުން ބުނެފައިވާ ނަމަވެސް، އައިޖީއެމްއެޗް އިން މަސައްކަތްކުރީ މައިމީހާ ވިއްސަން ކަމަށާއި ސިޒޭރިއަނެއް ހެދުމަށް އެއްވެސް ވަރަކަށް ލަފާދީފައިނުވާ ކަމަށް އެކުއްޖާގެ ބައްޕަ ވަނީ ބުނެފަ ވެއެވެ.
ހެލްތު ކޯޕަރޭޝަނުގެ ބަޔާނުގައި ބުނަނީ، ވިހެއުމުގެ ތެރޭގައި ކޮނޑު ތާށިވުމަކީ މަދުން ނަމަވެސް ދިމާވާ ކަމެއް ކަމަށާއި އެކަން ދިމާވެދާނެކަން ވިހެއުމުގެ ކުރިން "ކޮންމެ ފަހަރަކު ކުރިއާލާ ބުނަން ނޭނގޭނެ" ކަމަށެވެ.
"ވިހެއުމުގެ ތެރޭގައި ކޮނޑުތާށިވުމުން ގިނަ ފަހަރު އަޅަންޖެހޭ ފިޔަވަޅުތައް މައިމީހާ އާއި ކުޑަަދަރިފުޅު ސަލާމަތްކުރެވެ އެވެ. މިއަދު މިދިމާވިގޮތަށް ކޮނޑުތާށިވެގެން ދަރިފުޅު ނަގަންޖެހެނީ ވަރަށް ވަރަށް މަދު ހާލަތެއްގަ އެވެ." އައިޖީއެމްއެޗުން ބުނެފައި ވެއެވެ.
ވިހޭއިރު ބަރުދަނުގައި ހަތަރު ކިލޯހުރި އެ ފިރިހެންކުއްޖާ ވަނީ މިއަދުގެ އަސުރު ނަމާދަށް ފަހު އާ ސަހަރާގައި ވަޅުލައިފަ އެވެ. އެއީ ތ. ކިނބިދޫގައި ދިރިއުޅެމުންދާ ޒުވާން ދެމަފިރިއެއްގެ ހަތަރު އަހަރުގެ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅެވެ.
އެކުއްޖާގެ މަންމައަކީ ދ. ބަނޑިދޫ އުމުރުން 24 އަހަރުގެ މީހެކެވެ. ބައްޕައަކީ ފުލުހެއްގެ ވަޒީފާގައި އުޅޭ އުމުރުން 25 އަހަރުގެ ކިނބިދޫ މީހެކެވެ.
އާއިލާއިން ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. ނަމަވެސް، ފުލުހުން މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް ކޮމެންޓެއް ނުދެ އެވެ.