27 Jun 2015, 15:12
ހދ. ނޮޅިވަރަންގައި ރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ޒުވާނަކަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ނޮޅިވަރަން ކައުންސިލްގެ ރައީސް މަރިޔަމް ހަބީބާ މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަޚަމްތަކެއް ލިބިފައި ވަނީ އެ ރަށު މާވިލަ، ފާރިޝް އިބްރާހީމް އަށް ކަމަށެވެ.
މަރިޔަމް ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައި ވަނީ އެ ރަށު ވޮލީ ކޯޓު ކައިރިން އެ ޒުވާނާ ސައިކަލްގައި ދަނިކޮށް ގަހެއްގެ މުލެއްގައި ޖެހުމުން ކަމަށެވެ.
"އެންމެ ފުރަތަމަ ފާރިޝް އިބްރާހީމް ގެންދިޔައީ މިރަށު ސިއްހީ މަރުކަޒަކަށް. އެތަނަށް ގެންދިޔުމަށް ފަހު އިތުރު ފަރުވާއަށް ގެންދިޔައީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް. އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނީ." މަރިޔަމް ވިދާޅުވި އެވެ.
އެ ޒުވާނާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދު ވަރަށް ކުޑަކަމަށް ހޮސްޕިޓަލާ ހަވާލާދީ ކައުންސިލްގެ ރައީސް މަރިޔަމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނޮޅިވަރަމްގައި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތެއް އަދި ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.