އަހަރެންގެ ނަމަކީ އެރީކާ އެވެ. އަހަރެން ދިރިއުޅެނީ އެމެރިކާގައެވެ. އަހަންނަކީ މެކްސިކޯ ދަރިކޮޅަށް ނިސްބަތްވާ ކްރިސްޓިއަނެކެވެ. އަހަރެންގެ އާއިލާ އަކީ ދީންވެރި އާއިލާއެކެވެ. ފައްޅީގެ އިސް މީހަކު އެއްދުވަހަކު އަހަރެން ކައިރީ ބުންޏެވެ. " މުސްލިމުން އީސާގެ ފާނަށް ނަފްރަތު ކުރެއެވެ." އަދި އެމީހުން އަޅުކަން ކުރަނީ ﷲ ކިޔާ ކަނލާގެ އަކަށް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އެ ދެއްކި ވާހަކައަކީ ހަގީގަތެއްތޯ ބެލުމަށް އަހަރެން އިސްލާމްދީން ދިރާސާ ކުރަން ފެށީމެވެ.

އަހަރެން ކުރި ދިރާސާގެ ނަތީޖާ އިން އަހަރެން ހައިރާން ކުރުވިއެވެ. ކްރިސްޓިއަނުން ފަދައިން އީސާގެ ފާނުގެ ދެކެ ލޯބިވާ ގިނަ މުސްލިމުންނާއި އަހަންނާ ދިމާވިއެވެ. އަދި ﷲ ގެ މާނައަކީ އަރަބިބަހުން ކަލާގެ ކަން ވެސް އަހަންނަށް އެނގުނެވެ.

އަދި އީސާގެ ފާނަކީ ވެސް ރަސޫލެއް ކަމަށާއި އެކަލޭގެ ފާނު ވެސް ނަމާދު ކުރެއްވީ ﷲ އަށް ކަން އަހަންނަށް ވިސްނުނެވެ. އަހަރެން ބައިބްލް އިތުރަށް ދިރާސާ ކުރަންފެށީމެވެ. އަދި ބައިބްލް އިން ގިނަ އޮޅުންބޮޅުންތަކެއް އަހަންނަށް ފެނުނެވެ. އެންމެ ފުރަތަމަ ބައިބްލްގައި މައްސަލަތަކެއް އުޅޭކަން ގަބޫލުކުރަން އަހަރެން ބޭނުމެއް ނުވިއެވެ. ސަބަބަކީ ކަލާގެ ބަސްފުޅު ކަމަށް އަހަރެން ގަބޫލުކުރާ ފޮތެއްގެ ހުރި އުނިސިފަތައް ގަބޫލުކުރަން ބޭނުންނުވުމެވެ. އެހެންނަމަވެސް ހަގީގަތަކީ ބައިބްލް އޮތީ ބަދަލުކޮށްފައިކަމެވެ.

ތެދު މަގު ދައްކަވާތޯ ދުއާ ކުރުން

އަހަރެން މާތް ރަސްކަނލާގެ ހަޟްރަތަށް އަހަންނަށް ތެދު މަގު ދައްކަވައި ހިދާޔަތް ދެއްވާތޯ ދުއާ ކުރީމެވެ. އަހަރެން އިސްލާމް ދީނާއި ބެހޭ މައުލޫމާތު އެއްކުރަން ފެށީމެވެ. އަދި ގުރުއާން ކިޔަވަން ފެށީމެވެ. އަހަންނަށް ވިސްނުނީ އިސްލާމްދީނަކީ ބުއްދި ގަބޫލުކުރާ ސުލްހަވެރި ދީނެއްކަމެވެ. އަހަރެން ވަރަށް ފުންކޮށް ވިސްނީމެވެ. އަދި މުސްލިމަކަށް ވުމަށް އަހަރެން ނިންމީމެވެ. އަހަރެންގެ ފިރިމީހާ އަކީ މުސްލިމެކެވެ. އޭނާ ކުރިމަތީގައި އަހަރެން ޝަހާދަތުގެ ދެ ކަލިމަ ކީމެވެ.

އިސްލާމްވުމަށްފަހު

އަހަރެން ބޮލުން ބޮޑު ބަރުހެލިކަމެއް ފިލައިގެން ދިޔަހެން އަހަންނަށް އިހްސާސްވިއެވެ. މިނިވަންކަމާއި ސާފުތާހިރުކަމާއި އީމާންތެރިކަމުގެ އިހްސާސް އަހަންނަށް ކުރެވުނެވެ. އަހަރެން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން މޫނު ބުރުގާ އަޅަންފެށީމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އިސްލާމް ދީނަކީ ހަމައެކަނި ދީނެއް ނޫނެވެ. އެއީ ދިރިއުޅެންވީ ގޮތެވެ. އަހަރެންގެ މައިންބަފައިން އަހަރެން އިސްލާމްވުމުން މައްސަލައެއް ނުޖައްސައެވެ. އިސްލާމްދީނުގެ ހިދާޔަތުގެ ސަބަބުން އަހަރެންގެ މުޅި ހަޔާތް އުޖާލާ ވިއެވެ. އަހަރެންގެ ނަސޭހަތަކީ އިސްލާމް ދީނާ ބެހޭގޮތުން ދިރާސާކުރުން ހުއްޓައިނުލާށެވެ.