ހއ. ދިއްދޫގެ މަގުތަކުގައި ތާރުއެޅުމަށް ޓަކައި އެ ރަށަށް ހިލަ ބާލަމުން ދިޔަ ދޯންޏެއް ބަންޑުންޖަހާލައިގެން ލިބުނު އަނިޔާތަކާ ގުޅިގެން ތިން މީހަކަށް އެ ރަށު އެހޮސްޕިޓަލުން ފަރުވާ ދޭން ފަށައިފި އެވެ.

ދިއްދޫ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން މިއަދު ސަން އަށް ވިދާޅުވީ މިއަދު 11:30 އެހާކަންހ ާއިރު ހިނގި އެ ހާދިސާގައި ދިވެއްސަކާއި ދެ ބިދޭސީއަކަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ. އެތިން މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މުހައްމަދު ވިދާޅުވި އެވެ.

"އެދޯނި ބަންޑުން ޖެހުމުން ތިން މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ، އަނެއްހެން އެހާ ސީރިއަސް އެއްނޫން، އޮބަޒަވޭޝަންގައި ތިބީ." މުހައްމަދު ވިދާޅުވި އެވެ.

އެދޯންޏަކީ ދިއްދޫ މަގުތަކުގައި ތާރުއެޅުމަށް އެރަށަށް ހިލަ ބާލަމުން ދިޔަ 60 ފޫޓުގެ ދޯންޏެކެވެ. އެތައްބައިވަރު ހިލައަކާ އެކު އެދޯނި ބަންޑުން ޖެހީ އެ ރަށު ނެރު ކައިރިއަށެވެ. މިއަދު އެސަރަހައްދަށް މޫސުން ގޯހެވެ.