ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ މާތް އިންސާނުންގެ ސިފަތަކުގެ ތެރެއިން އެއްސިފަޔަކީ މާތްﷲ އެބައިމީހުންގެ މުދަލުގައި ލައްވައިފައިވާ ޙައްޤުތައް ބަރާބަރަށް އަދާކުރުމެވެ. ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"އަދި، އެއުރެންނީ، ސުވާލުކޮށް، އެދޭމީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ." (އަލްމަޢާރިޖު: 25، 24)

އަނެކުންގެ ބޭނުންފުދޭ މީހަކަށްވުމަކީ އިންސާނާގެ ފިޠުރަތުގައި ލައްވައިފައިވާ އެދުމެކެވެ. ހަމައެފަދައިން އަނެކުންނަށް ޚިދުމަތްކުރުމަކީވެސް އިންސާނީ ތަބީޢަތުގައި ހިމަނުއްވައިފައިވާ އެދުމެކެވެ. އިސްލާމްދީން އިންސާނާގެ މިދެންނެވި ޖަޒުބާތު އޭގެ އެންމެ ފުރިހަމަޔަށް ހޭލައްވައެވެ. އެހެންކަމުން އީމާންކަމުގެ ޖަޒުބާތާއި އިސްލާމްކަމުގެ ޝުއޫރުގައި ދިރިއުޅޭމީހުން ތިމާމެންގެ މުދަލާއި ފައިސާއާއި ތިމަންމެންނަށް ދެއްވައިފައިވާ ތަނަވަސް ކަމުގެ އެހެނިހެން ވަސީލަތްތަކަކީ ހަމައެކަނި ތިމާމެންގެ މިލްކެއްނޫންކަން ވިސްނައިގަނެއެވެ. އެތަކެތީގައި އަނެކުންގެ ޙައްޤުވެސް އެކުލެވިފައިވާކަން ދެކެދަނެގަނެއެވެ. ނަތީޖާއެއްގެ ގޮތުން އެފަދަމީހުން ޚިދުމަތް ކުރަނީ ހަމައެކަނި އެބައިމީހުންގެ ކުރިމައްޗަށް ސުވާލުގެ އަތްދިއްކޮށް އެހީއަށް އެދޭމީހުންނަށް އެކަންޏެއްނޫނެވެ. އަދި ކީއްތޯއެވެ. ބޭނުން ޖެހިފައިވާ، އެކަމަކު އަނެކުންގެ ކުރިމަތީގައި އެހީއަށް އެދި އަތްފަތުރައިނުލާ މީހުނަށްވެސް އެބައިމީހުން އެހީވެއެވެ. މަދަދުކުރެއެވެ.

ކީރިތި ޤުރުއާނުގެ އިސްވެދެންނެވި އާޔަތުގައި އައިސްފައިވާ "މަހްރޫމު" މިލަފުޒު ޝަރަޙަ ކޮށްދެއްވަމުން އަލްއިމާމު މާލިކު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެލަފުޒުގެ މުރާދަކީ ރިޒުޤުން މަހްރޫމުވެފައިވާ ފަރާތްތަކެވެ.

ޢުމަރު ބިން ޢަބްދުލް ޢަޒީޒު ރަހިމަހުﷲއަށް ބަނޑުހައިވެފައި އޮތް ޖަނާވަރެއް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. މިއީވެސް ކީރިތި ޤުރްއާނުގައި މަހްރޫމުންގެ ނަންދެއްވައިފައިވާ ގިންތީގައި ހިމެނޭ މަޚްލޫޤެކެވެ. (އަލްޤުރްޠުބީ: 17/39) ކީރިތި ޤުރްއާނުގެ މުފައްސިރު އައްރާޒީ މަޙްރޫމުންގެ ދާއިރާ މިއަށްވުރެވެސް މާބޮޑަށް ފުޅާކުރެއްވިއެވެ. އޭނާވިދާޅުވެފައިވެއެވެ. މަހްރޫމުންގެ ތެރޭގައި ގަސްގަހާގެހިވެސް ހިމެނެއެވެ. ފެންނުލިބުމުގެ ސަބަބުން ގަހެއް މޯޅިވެ ހިކެމުންދާނަމަ އެގަހަކީވެސް މަހްރޫމެކެވެ. އެގަހަށް ފެންދީ ތާޒާ ކުރުވުމަކީ އީމާންކަމުގެ އަހްލުވެރީންގެ މަސްއޫލިއްޔަތަކެވެ.

މީހެއްގެ ހިތުން އީމާންކަމަށް ޖާގަލިބިއްޖެނަމަ އޭނާގެ ކިބައިގައި ޢާއްމު ޚިދުމަތުގެ ޖަޒުބާތު އުފެދެއެވެ. ޚިދުމަތުގެ ރޫޙުއަށަގަނެއެވެ. އޭނާގެ ޒިންމާއެއްކަމުގައި ދެކެނީ ހަމައެކަނި ސަލާންޖަހާމީހުން (ސުވާލުކޮށް އެދޭމީހުން) ގެ މުހުތާދުތައް ފިލުވައި ދިނުމެއްނޫނެވެ. އަދި ކީއްތޯއެވެ؟ ނުލިބި މަޙްރޫމުވެފައިވާ ކޮންމެ ފަރާތަކަށްވެސް އޭނާ އަދާކުރުން ވާޖިބު ޙައްޤެއްވާކަން އޭނާ އިޙްސާސްކުރެއެވެ. އެފަރާތަކީ އިންސާނަކަށްވިޔަސް ހަޔަވާނަކަށްވިޔަސް، ގަހަކަށްވިޔަސްމެއެވެ.

އިސްލާމްދީން އިންސާނާއަކީ ނުހަނު ވިސްނުންތެރިޔަކަށް ހަދައެވެ. އިންތިހާ ދަރަޖައިގެ ހައްސާސުމީހަކަށް ހަދައެވެ. އެފަދަމީހުން އެންމެހައި އިންސާނުންނާމެދު ދެކޭނީ އޭނާގެ މީހުންކަމުގައެވެ. އޭނާގެ ތިމާގެ މީހުންކަމުގައެވެ. އޭނާގެ މުދަލަކީ މާތްﷲ ދެއްވައިފައިވާ އިނާމެއްކަން އޭނާ ޤަބޫލުކުރެއެވެ. އެއިހްސާސު އޭނާއަށް މަޖްބޫރު ކުރަނީ މާތްﷲ އޭނާއަށް ދެއްވުމުގައި ދީލަތިވެވޮޑިގެންނެވި މުދާ މާތްﷲ މަގުގައި ހޭދަކުރުމުގައި ދީލަތިވުމެވެ.