27 Jun 2015, 12:47
ކްރިކެޓް ބޯޑުން ރަމަޟާން މަހު ކުރިއަށް ގެންދާ ކޯސްޓް ރަމަޟާން ކާނިވަލްގެ އޯޕަން މުބަރާތުގެ ފައިނަލްގައި ހައިޑީސްގެ މައްޗަށް ހަ ވިކެޓުން ކުރި ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ސޯފާޒު ޓީމް ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގައި ޓޮސް ދިމާވުމުން ހައިޑީސްގެ ކުޅުންތެރިން ކުޅެން އަރައި އަށް އޯވަރުގެތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހަދާފާވަނީ 116 ލަނޑެވެ.
ހައިޑީސްއިން އިނިންގްސް ހުޅުވަން އެރި އަހުމަދު ނީސާމް 49 ލަނޑުހަދިއިރު އާރިފު ރިޒާ 36 ލަނޑު ހެދިއެވެ.
މިއިނިންގްސްގައި ހައިޑީސްއިން ހެދި ހަމައެކަނި ވިކެޓު ނަގާފައިވަނީ ހަސަން އިބުރާހިމްއެވެ.
ޖަވާބުގައި ސޯފާޒުކުޅެންއަރައި ހަތް ވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 117 ލަނޑުހަދައި ވަނީ މެޗް ކާމިޔާބު ކޮށްފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ކުރިކެޓް ކަނިވަލްގައި ސަރުކާރު އޮފީސްތަކުގެ މުބާރަތުގެ ކުޅުން މިއަދު ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަދު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރްސީ) އާއި ރައީސް އޮފީހުގެ ޓީމެވެ.