އދ. ގެ ކޮމާންޑްގެ ދަށުން ގައްޒާފީގެ ކުލީ ސިފައިންގެ މަރުކަޒުތަކަށް ވައިގެ ޙަމަލާތަކެއް ދިނުމަށް ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ޤައުމީ އިންތިޤާލީ މަޖިލީހުން ގޮވާލައިފިއެވެ.

މިއީ ގައްޒާފީގެ ކިބައިން މިނިވަންވެފައިވާ ސަރަޙައްދުތަކުގައި ލީބިޔާގެ ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކާއި ގައްޒާފީގެ ނިޒާމުން ވަކިވެގެންފައިވާ ސިފައިންނާއި ސިޔާސީ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ވަގުތީ ސަރުކާރެއްފަދަ އިދާރީ މަޖިލީހެކެވެ.

މިމަޖިލީހުގެ ތަރްޖަމާން ޢަބްދުލްޙަފީޒް ވިދާޅުވީ ގައްޒާފީގެ ވެރިކަން ނުނިމި ގިނަދުވަސްވެއްޖެނަމަ ލިބިޔާ އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެންގޮސް ލިބިޔާގެ ރައްޔިތުންނަށް ބަރުދާސްތު ނުކުރެވޭފަދަ ނިކަމެތި ކަމެއް ލިބިދާނެ ކަމަށާއި ބައިނަލްއަޤްވާމީ ވައިގެ ބާރެއްގެ އެހީގައި ގައްޒާފީގެ ކުލީ ސިފައިންގެ ބާރު ކަނޑުވާލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައެވެ.

ނަމަވެސް ބޭރުގެ އެއްވެސް ބާރެއް އެއްގަމު މަގުުން ލިބިޔާއަށްވެދެގަތުމުގެ ފުރްސަތު ޤައުމީ އިންތިޤާލީ މަޖިލީހުންނާއި ލީބިޔާގެ އެއްވެސް ފަރާތަކުން ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ. ގައްޒާފީ ގެންދަވަނީ އޭނާގެ ކުލީ ސިފައިންގެ ބާރުތައް ބޭނުންކުރައްވައިގެން ލިބިޔާގެ ހުރިހާ ސަރަޙައްދުތަކެއް އޭނާގެ ވެރިކަމުގެ ދަށަށް އަނބުރައި ގެންދިޔުމަށް ޓަކައި ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވަމުންނެވެ.

އެމެރިކާއިން ވަނީ ލިބިޔާގެ ވައިގެ ސަރަޙައްދުގައި އުދުހުން މަނާސަރަޙައްދެއް ޤާއިމްކުރުމަކީ އުނދަނގޫ ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް ސެނެޓުންވަނީ މިކަމަށް އެދި އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ގޮވާލައި މިއަދު ބަޔާނެއް ނެރެފައެވެ.

އދ. ގައި ހުންނަވާ ލީބިޔާގެ ދާއިމީ މަންދޫބުގެ ނައިބު އިބްރާހީމް އައްދައްބާޝީ ވަނީ ލިބިޔާގެ ވައިގެ ސަރަޙައްދުގައި އުދުހުން މަނާސަރަޙައްދެއް ޤާއިމް ކުރުމަށް އެދި ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ލީބިޔާގެ ޤައުމީ އިންތިޤާލީ މަޖިލީހުގެ ކިބަިއިން އެދިވަޑައިގެންފައެވެ.

އައްދައްބާޝީއާއި އދ. ގައި ހުންނަ ލިބިޔާގެ މިޝަންގެ ހުރިހާ މުވައްޒަފުން ވަނީ ގައްޒާފީގެ ސަރުކާރަށް ނުކިޔަމަންތެރިވެ ލިބިޔާގެ ރައްޔިތުންގެ ކޮޅަށްޖެހި އިދިކޮޅު ޤައުމީ އިންތިޤާލީ މަޖިލީހަށް އެއްބާރުލުން ދޭނެކަން ހާމަކޮށްފައެވެ.

ގައްޒާފީއަކީ ވެރިކަން ދުކޮށްލައްވާފައި ޤައުމުން ބޭރަށް ވަޑައިގަންނަވާ ވަރަށްވުރެ މާހަރުކަށި އަދި ގޮތްދޫނުކުރައްވާ ބޭފުޅެއް ކަމަށް އޭނާގެ ވެރިކަމުގެ ނިޒާމާ މިހާރު ދުރަށްޖެހިފައިވާ އޭނާގެ އަރިސ ފަރާތްތަކުން ބުނެއެވެ. -- އަލްޖަޒީރާ